އަލްފާޟިލް އިބްރާހީމް މޫނިސް
ދަފްތަރު. ނަންބަރު ރސ 12948

ކޯޕްރަލް އިބްރާހީމް މޫނިސްއަކީ 1986ވަނަ އަހަރުގެ މާރިޗު މަހުގެ 26ވަނަ ދުވަހުން ފެށިގެން ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ، ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ގާޑެއްގެ ވަޒީފާއެވެ. އޭގެފަހުން މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ގާޑުގެ މަގާމާއި، އެއަރޕޯޓް ސެކިއުރިޓީގެ ގާޑުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ އެއަރޕޯޓް ސެކިއުރިޓީއާ ބެހޭ ކަންކަން، 2013 ވަނަ އަހަރު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ބަދަލުވުމާ ގުޅިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ އޭވިއޭޝަން ސެކިއުރިޓީގައެވެ.

މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، އިބްރާހީމް މޫނިސްވަނީ މަދަނީ ވައިގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. މިގޮތުން، ވައިގެ ބަނދަރުގެ އެންމެހައި ސަރަޙައްދުތަކުގައި ފޯރިމަރައި، އެ ސަރަޙައްދުތައް ބެލެހެއްޓެވުމާއި، ވައިގެ ބަނދަރަށް ޖައްސައި، ފުރާ އުޅަނދުފަހަރާއި، ވައިގެ ބަނދަރުގައި ބޭނުންކުރެވޭ ތަކެއްޗާއި ތަންތަން ރައްކާތެރިކޮށް ބެލެހެއްޓެވުމުގެ ގޮތުން، ޗެކް ޕޮއިންޓްތަކުގައްޔާއި، ކޮންޓްރޯލް ޕޮއިންޓްތަކުގައި ޑިއުޓީ އަދާކުރައްވައިފައި ވެއެވެ. އަދި އެއަރޕޯޓުގައި ސެކިއުރިޓީއަށް ބުރުލެއްއަރައިގެން ނުރައްކާތެރި ހާދިސާއެއް ދިމާނުވާނެފަދަ ފެންވަރަށް ސެކިއުރިޓީގެ ޒިންމާ އުފުއްލަވައި، އަޅުއްވަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް ސާބިތުކަމާއެކު ވަގުތުން އަޅުއްވައިފައި ވެއެވެ.

1990 ވަނަ އަހަރުން ފެށިގެން ގާޑުންގެ އޮފީސް (ކޮންޓްރޯލް ސެންޓަރު) ގައި، އެންމެ އިސް ހެޑް ގާޑެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައިފައި ވެއެވެ. އޭރު ޙާލަތާ އެއްގޮތަށް ރަނގަޅުކުރަންޖެހުނު ކަންކަން، ޗީފް ސެކިއުރިޓީ އޮފިސަރާ މަޝްވަރާ ކުރައްވައިގެން ރަނގަޅު ކުރައްވައި، މަސައްކަތުގެ ފެންވަރު ކުރިއަށް ގެންދެވުމުގައި ހެޑް ގާޑެއްގެ ގޮތުގައި އިބްރާހީމް މޫނިސް 21 އަހަރު ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިން ޢުދުވާނީ ހަމަލައިގައި، ޤައުމުގެ ދިފާޢީ މަސައްކަތުގައި، ސިފައިންނާ އެކީގައި އިބްރާހީމް މޫނިސް މަސައްކަތް ކުރައްވައިފައި ވެއެވެ.

އިބްރާހީމް މޫނިސްއަކީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރެއްވުމުގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ އަލަށް ގުޅޭ ޓްރޭނިންގ މުވައްޒަފުންނަށް ތަމްރީނު ދެއްވަމުން ގެންދަވައެވެ. އަދި އެފަދަ މުވައްޒަފުންނަށް ފަންނީ އިރުޝާދު ދެއްވައި، މަސައްކަތް ކުރަންވާނެ އެންމެ ރަނގަޅު ގޮތްތައް ޢަމަލީގޮތުން ދައްކަވަމުން ގެންދަވައެވެ.