އަލްފާޟިލް ޢަލީ ވަޙީދު ޢުޘްމާން
އާވެހި ހއ. ހޯރަފުށި

ޢަލީ ވަޙީދު ޢުޘްމާނަކީ 1 ޖަނަވަރީ 1986ން ފެށިގެން ތަޢުލީމީ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހއ.އަތޮޅު މަދަރުސާއިން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، 1985 ވަނަ އަހަރު، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުން ޕްރައިމަރީ ޓީޗިންގ ކޯސް ފުރިހަމަކުރައްވައި، ކޯހުން 1 ވަނަ ހާސިލު ކުރައްވައިގެން، ޢަލީ ވަޙީދު ޢުޘްމާން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިނާމު ހޯއްދަވައިފައެވެ. ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުން، ހއ.އަތޮޅު މަދަރުސާގައި ވަޒީފާ އަދާކުރައްވާ ގޮތަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމެވުމާ ގުޅިގެން، 1986 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 20 އަހަރު ހއ.އަތޮޅު މަދަރުސާގައި ޢަލީ ވަޙީދު ޚިދުމަތް ކުރައްވައިފައި ވެއެވެ. ހއ.އަތޮޅު މަދަރުސާގައި ޕްރައިމަރީ ޓީޗަރުކަމުގެ އިތުރުން، އެސިސްޓެންޓް ސުޕަވައިޒަރު ކަމާއި، ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރު ކަމާއި، ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ފުރުއްވައިފައި ވެއެވެ.

ޢަލީ ވަޙީދު ޢުޘްމާން، ހއ.އަތޮޅު މަދަރުސާގައި ޚިދުމަތް ކުރެއްވިއިރު، ގްރޭޑް 1ން 10 އަށް ކިޔަވައިދެއްވައި، މުދައްރިސުންގެ ކިޔަވައިދެއްވުން ސުޕަރވައިޒް ކުރައްވައި، މުދައްރިސުންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދެއްވައިފައި ވެއެވެ. އަދި ސްކޫލްގެ އިތުރު ހަރަކާތްތައް ހިންގެވުމުގައި، އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވެސް ވެއެވެ. މީގެއިތުރުން، ސްކޫލްގެ ބަޖެޓް ސެކްޝަންގެ އިސްވެރިއެއްގެ ގޮތުން، ބަޖެޓުގެ ކަންކަން ބެލެހެއްޓެވުމާއި، ސްކޫލް މަރާމާތު ކުރުމުގެ ކަންކަން ބެލެހެއްޓެވުން ހިމެނެއެވެ. ޢަލީ ވަޙީދު ވަނީ ސްކޫލްގެ އެންމެ އިސްވެރިއެއްގެ ގޮތުން ހއ.އަތޮޅު މަދަރުސާ ހިންގަވައިފައެވެ.

ޢަލީ ވަޙީދު ޢުޘްމާން، ހއ.އަތޮޅު މަދަރުސާގައި ޚިދުމަތް ކުރެއްވުމަށްފަހު، 2007ވަނަ އަހަރުން ފެށިގެން ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައެވެ. މިނިސްޓްރީގެ ބަޖެޓް ޕްލޭނިންގ އެންޑް ފައިނޭންޝަލް ރިޕޯޓިންގ ސެކްޝަންގައްޔާއި، އޮޑިޓް އެންޑް ކޮމްޕްލެއިންސް ސެކްޝަންގައި، ސީނިއަރ ކޮމްޕްލެއިންސް އޮފިސަރ އަދި އެސިސްޓެންޓް ޑިރެކްޓަރގެ މަގާމުގައި ޚިދުމަތް ކުރެއްވުމަށްފަހު، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މިނިސްޓްރީގެ ފައިނޭންސް ޑިވިޜަންގެ ޑިރެކްޓަރެއްގެ ގޮތުންނެވެ.

ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި، ޢަލީ ވަޙީދު ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، މިނިސްޓްރީގެ ޑިޕާޓްމަންޓްތަކާއި، ސްކޫލްތަކުގެ އިންޓަރނަލް އޮޑިޓްގެ ކަންކަން ރާއްވަވައި ހިންގެވުމާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، ސިވިލް ސަރވިސްގެ ގަވާއިދަށް، ދާއިރާގެ ބަޖެޓް ބަލަހައްޓާ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ވަރކްޝޮޕްތައް، މާލެއާއި އަތޮޅުތަކުގައި ހިންގަވައިދެއްވައިފައި ވެއެވެ.

ޢަލީ ވަޙީދު ޢުޘްމާނަކީ، މެލޭޝިޔާގެ އިންޓަރނޭޝަނަލް ޔުނިވަރސިޓީން އެކައުންޓިންގ އެންޑް ފައިނޭންސްގެ ރޮނގުން ބެޗްލަރސް ޑިގްރީ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ރޮނގުން ޑިޕްލޮމާވެސް ހާސިލު ކުރައްވައިފައި ވެއެވެ.