އަލްފާޟިލާ ޢާބިދާ ރަޝީދު
ހ. ހަހިފާ

ޢާބިދާ ރަޝީދު، އެންމެ ދިގު މުއްދަތެއްގައި ވަޒީފާ އަދާކުރައްވައިފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ، އެމް.ޓީ.ސީ.ސީ.ގައެވެ. އެމް.ޓީ.ސީ.ސީ.ގައި ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ، 5 ޖަނަވަރީ 1983 ގައެވެ. އޭގެކުރިން، ޑިޕާޓްމަންޓް އޮފް ބޯޓްސް އިކްވިޕްމަންޓް ގިޔަރ Iގެ އިނގިރޭސި ކާތިބާއެއްގެ ވަޒީފާއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އިނގިރޭސި ކާތިބާއެއްގެ ވަޒީފާ އަދާކުރެއްވިއެވެ.

އެމް.ޓީ.ސީ.ސީ.ގައި ފުރަތަމަ އަދާކުރެއްވީ، އިނގިރޭސި ކާތިބާއެއްގެ ވަޒީފާއެވެ. 29 އޮކްޓޫބަރު 2016ގެ ނިޔަލަށް އެމް.ޓީ.ސީ.ސީ.ގައި ޚިދުމަތް ކުރެއްވިއިރު، އެތަނުގެ ތަފާތު އެތައް މަގާމުތަކެއް ވަނީ ފުރުއްވައިފައެވެ. އެމް.ޓީ.ސީ.ސީ.ގެ ޚިދުމަތުގައި ހޭދަކުރެއްވި 33 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެތަނުގެ ވަރަށް އިސް މަގާމުތަކެއްވެސް ވަނީ ފުރުއްވައިފައެވެ. އެގޮތުން، އެކައުންޓްސް ސެކްޝަންގެ މެނޭޖަރު ކަމާއި، ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، އެއަރޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެސިސްޓެންޓް މެނެޖިންގ ޑިރެކްޓަރކަމާއި، މާކެޓިންގ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. އަދި އޭގެފަހުން ހިއުމަން ރިސޯސް ޑިޕާޓްމަންޓާއި، އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓާއި، ޓްރާންސްޕޯޓް ޑިޕާޓްމަންޓާއި، މާކެޓިންގ ޑިޕާޓްމަންޓާއި ރެންޓަލްސް ޑިޕާޓްމަންޓުގެ އެގްޒެކެޓިވް ކަމުގެ މަގާމުގައި ހުންނަވައިގެން އެ ޑިޕާޓްމަންޓުތައް ހިންގަވައިފައިވެއެވެ.

ޢާބިދާ ރަޝީދަކީ އެމް.ޓީ.ސީ.ސީ.ގެ ކުރިއެރުމާއި ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ޚިދުމަތް ކުރެއްވި މަގާމުތަކުގައި، ވަރަށް ސާބިތުކަމާއެކު ޚިދުމަތް ކުރައްވައި، ނަމޫނާ ދެއްކެވި ބޭފުޅެކެވެ. ހަމައެއާއެކު، ކުންފުނިން ހޯއްދަވައިފައިވާ ކާމިޔާބީތަކުގައިވެސް ވަރަށް މުހިންމު ހިއްސާއެއް އަދާކުރައްވައިފައި ވެއެވެ.

އެމް.ޓީ.ސީ.ސީ.ގައި ޚިދުމަތް ކުރެއްވުމަށްފަހު، ދެން ބަދަލުވެވަޑައިގަތީ، އޭރުގެ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމަށެވެ. އެއީ 30 އޮކްޓޫބަރު 2016 ގައެވެ. އެ މަގާމުގައި ހުންނަވައިގެން، ކުޑަކުދިންގެ ހިޔާ ހިންގައި ބެލެހެއްޓުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ބުރަ މަސައްކަތްތަކެއް ކުރައްވައި، ކުޑަކުދިންގެ ހިޔާއަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. މިގޮތުން، އެތަނުގައި ތިބޭ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ ގޮތުން، އުނގެނުމާއި ކަސްރަތު ކުރުވުމާއި، ގަޑިންގަޑިޔަށް ނަމާދު ކުރުވުމާއި، މަސައްކަތް ދަސްކޮށްދެއްވުމުގައި ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. އަދި ދައުލަތުގެ އެކިއެކި ކުންފުނިތަކަށް އެކުދިން ފޮނުއްވައިގެން ތަމްރީނުތައް ހޯއްދަވައިދެއްވުމާއި، އެކިއެކި ރިޒޯޓުތަކަށް އެކްސްޕޯޝަރ ދަތުރުތައް ހަމަޖެއްސެވުމުގެ އިތުރުން، އެކުދިންނަށް ޚާއްޞަކޮށްގެން، ހޯމް ގާޑްނިންގ ޕްރޮގްރާމް ކުރިއަށް ގެންދެވުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. އެއަށްފަހު، ޖެންޑަރ މިނިސްޓްރީއަށް ބަދަލުވެވަޑައިގެން، އެ މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން ސެކްޝަންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުން މަސައްކަތް ކުރައްވައި، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވިއެވެ. 17 ނޮވެންބަރު 2018 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ކަމުގެ މަގާމުގައެވެ.