އަލްފާޟިލް މުޙައްމަދު ނާޖިޙު
މ. އަކީކޯ

މުޙައްމަދު ނާޖިޙު އިމިގްރޭޝަންގައި ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 4 ސެޕްޓެންބަރު 1985 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިމިގްރޭޝަން އޮފިސަރުކަމެވެ. އޭގެފަހުން އެ ޑިޕާޓްމަންޓްގެ ސީނިއަރ އިމިގްރޭޝަން އޮފިސަރު ކަމާއި، ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު ކަމާއި، ޗީފް އިމިގްރޭޝަން އޮފިސަރު ކަމާއި، އެސިސްޓެންޓް ކޮންޓްރޯލަރުކަން ކުރައްވައިފައި ވެއެވެ.

ވޭތުވެދިޔަ ދިގު މުއްދަތުގައި، މުޙައްމަދު ނާޖިޙުވަނީ އެ މުއައްސަސާގެ އެކިއެކި ލަނޑުދަނޑިތައް ހާސިލުކުރެއްވުމަށް ހީވާގިކަމާއި އިޚްލާޞްތެރިކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. މުޙައްމަދު ނާޖިޙުގެ ވިސްނުންތެރިކަމާއި، އުފެއްދުންތެރި އަދި ބިނާކުރަނިވި ޚިޔާލުތައް ވަނީ ޒަމާނީ އަދި ތަރައްޤީވެފައިވާ މުއައްސަސާއެއްގެ ގޮތުގައި، މޯލްޑިވްސް އިމިގްރޭޝަން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ މުހިންމު އެއް ޑިވިޜަން ކަމުގައިވާ އެއަރޕޯޓް ޑިވިޜަންގެ ބެޗް އިންޗާޖްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ވައިގެ ބަނދަރުން އެތެރެވާ ފަސިންޖަރުންނާ ބެހޭގޮތުން މި ދާއިރާގައި ކުރަންޖެހޭ ކަންކަމާއި، އެއަރޕޯޓުގައި ހުންނަ ޑިވިޜަންގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާބެހޭ ކަންކަންވެސް މުޙައްމަދު ނާޖިޙު ރާއްވަވައި ހިންގަވައިފައި ވެއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ކުޅިވަރު ޙަޔާތުގައި ހޯދާފައިވާ ކާމިޔާބީތައް ހާސިލު ކުރުމުގައި، މުއައްސަސާގެ މުވައްޒަފުންނާ ގުޅިވަޑައިގެން، މުޙައްމަދު ނާޖިޙު ހިތްވަރާއެކު ކުރައްވައިފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހެއެވެ.

މުޙައްމަދު ނާޖިޙު، 1 ސެޕްޓެންބަރު 2021 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، މޯލްޑިވްސް އިމިގްރޭޝަންގެ ހާބަރ އިމިގްރޭޝަން ޑިވިޜަންގެ އިސް ވެރިއެއްގެ ގޮތުގައެވެ. އެންމެ ދިގު މުއްދަތެއްގައި ނާޖިޙު ޚިދުމަތް ކުރައްވައިފައި ވަނީ މާލޭ ސީޕޯޓްގައެވެ.