އަލްފާޟިލާ ޒާހިދާ މުޙައްމަދު
މުރަކަ ރ. އުނގޫފާރު

ޒާހިދާ މުޙައްމަދު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 18 އެޕްރީލް 1984ގައި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ 2ނަންބަރު ނަރުހެއްގެ ވަޒީފާއިންނެވެ. އޭގެފަހުން ނަރުސްކަމުގެ ޑިޕްލޮމާ ކޯސް ފުރިހަމަކުރެއްވުމަށް 15 މާރިޗު 1987 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާ އަލުން ގުޅިވަޑައިގަތީ، 1 ނަންބަރު ނަރުހެއްގެ ގޮތުގައި 17 ޖުލައި 1988 ގައެވެ. އޭގެފަހުން އެ ހޮސްޕިޓަލްގެ ޖޫނިއަރ އެސިސްޓެންޓް ނަރސް ކަމާއި، އެސިސްޓެންޓް ނަރސް ކަމާއި، ސީނިއަރ އެސިސްޓެންޓް ނަރސް ކަމާއި، ޕްރެކްޓިކަލް ނަރސްކަން ކުރައްވައިފައި ވެއެވެ. 1 ފެބުރުވަރީ 2009ން ފެށިގެން ޒާހިދާ އަދާކުރައްވަމުން ގެންދަވަނީ، އެ ހޮސްޕިޓަލްގެ އެންރޯލްޑް ނަރސްއެއްގެ ވަޒީފާއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހުޅުވައިގެން ޚިދުމަތްދޭން ފެށުނު ދުވަސްވަރަކީ، ރާއްޖޭގައި ޞިއްޙީ ޚިދުމަތްތެރިން މަދު ދުވަސްވަރަކަށްވީނަމަވެސް، ޒާހިދާ މުޙައްމަދަކީ، އިންސާނީ ޚިދުމަތް ދިނުމުގެ ބޭނުންތެރިކަން ރަނގަޅަށް ދެނެވަޑައިގެން، އެ ޚިދުމަތް ދެއްވުމަށް ނުކުމެވަޑައިގެން، ނަރުހެއްގެ ހައިސިއްޔަތުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އަދި ނ.އަތޮޅުގައްޔާއި، ރ.އަތޮޅުގައްޔާއި، ބ.އަތޮޅުގައްޔާއި، ޅ.އަތޮޅުގައި އެކި ދުވަސްވަރު ހިންގުނު އެކިއެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ޒާހިދާ މުޙައްމަދަކީ، ބަލިމީހުންނަށް ޚިދުމަތް ދެއްވުމުގައްޔާއި، އެމީހުންނަށް ދޭންޖެހޭ އެހެނިހެން ފަރުވާތައް ދެއްވުމުގައިވެސް ނަމޫނާ ބޭފުޅެކެވެ. ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފު ކަންކަމަށް އަވަސް ފަރުވާ ދެއްވުމުގައްޔާއި، ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިމީހުންނަށް ފަރުވާދިނުމުގެ ކަންކަން ގެންދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެއިތުރުން، އާދަޔާ ޚިލާފު ނުރައްކަލަކާ ކުރިމަތިނުވެ، ވިހާ މީހުން ވިއްސުމާއި، އެމީހުންގެ ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަންވެސް ދުރާލައި ކުރައްވަމުން ގެންދަވައެވެ.

ޒާހިދާ މުޙައްމަދަކީ، ޚިދުމަތަށް ނުކުމެވަޑައިގަތީއްސުރެ މިއަދާ ހަމަޔަށްވެސް ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދައިފައިވާ ކާމިޔާބީތަކުގައި ހިއްސާއެއް އޮތް ބޭފުޅެކެވެ. ނަރުހެއްގެ ހައިސިއްޔަތުން ދެއްވަންޖެހޭ ޚިދުމަތްތައް، ވަރަށް އިޚްލާޞްތެރިކަމާއެކު ދެއްވައިފައިވާ ބޭފުޅެކެވެ.