އަލްއުސްތާޛު އަޙްމަދު އިބްރާހީމް
ހުޅުމާލެ. ފްލެޓް 05-ޖީ-126

އަލްއުސްތާޛު އަޙްމަދު އިބްރާހީމް، މެދުނުކެނޑި ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 36 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. 29 ނޮވެންބަރު 1984 ގައި ޚިދުމަތް ފެށްޓެވި ފަހުން ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ 2 ނަންބަރު ކާތިބު ކަމާއި، ރެކޯޑްސް ކްލާކް ކަމާއި، އައިޑެންޓިޓީ ކާޑު ޔުނިޓުގެ ރެކޯޑްސް ކްލާކް ކަމާއި، ސެންޓްރަލް ރީޖަނަލް އޮފީހުގެ އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ނޮދަން ރީޖަނަލް އޮފީހުގެ އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ.

އަލްއުސްތާޛު އަޙްމަދު އިބްރާހީމް، އެންމެގިނަ ދުވަހު ވަޒީފާ އަދާކުރައްވައިފައި ވަނީ އަތޮޅުތަކާބެހޭ ވުޒާރާގެ އެކިއެކި އިދާރާތަކުގައި ކަމަށްވުމާއެކު، ރަށްރަށުގެ ގޯތިގެދޮރާއި، ބިންބިމާބެހޭ މައްސަލަތައް ބެއްލެވުމަށާއި، އޮފީހުގެ އެކި ކަންކަމާ ގުޅިގެން ކުރައްވަން ޖެހިވަޑައިގެންނެވި ރަސްމީ ދަތުރުތަކުގައި، ދެ އަތޮޅެއް ފިޔަވައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރައްވައިފައި ވެއެވެ. އަދި ސިލްސިލާ ގޮތެއްގައި ބާއްވަވަމުން ގެންދެވި އަތޮޅުވެރިންގެ ބައްދަލުވުންތަކުގެ އިދާރީ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމާއި، އާބާދީ މަދު، ބިންދަތި، ކުދި ރަށްރަށުން ބިން ބޮޑެތި ރަށްރަށަށް މީހުން ބަދަލުކުރުމަށްޓަކައި ސަރުކާރުން ހިންގެވި އެއްފަސްކުރުމުގެ ޕްރޮގްރާމްގެ ދަށުން އަލަށް އާބާދުކުރައްވަން ނިންމެވި ރަށްރަށަށް ދަތުރުކުރައްވައި، އެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އަލްއުސްތާޛު އަޙްމަދު އިބްރާހީމް، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސްއާ ގުޅިވަޑައިގަތީ، 17 މޭ 2009 ގައެވެ. މިހާރު ހުންނެވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސީނިއަރ ސިވިލް އޮފިސަރުގެ މަގާމުގައެވެ. އެ މަގާމުގައި ހުންނަވައިގެން އިދާރީގޮތުން ކުރައްވަންޖެހޭ އެކިއެކި ކަންކަން ކުރެއްވުމުގައި، އިސް ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ. މިގޮތުން، އެޑްމިނިސްޓްރޭޝަން ސެކްޝަންގެ ހެޑްކަމާއި، ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސެކްޝަންގެ ހެޑެއްގެ ޒިންމާ އަދާކުރައްވަމުން ގެންދަވައެވެ. އަދި އެ މުއައްސަސާގެ އެހެން މުވައްޒަފުންގެ މަސައްކަތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވައެވެ. މީގެއިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެކިއެކި ކޮމިޓީތަކުގެ މެންބަރެއްގެ ގޮތުގައިވެސް އަޙްމަދު އިބްރާހީމް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

އަލްއުސްތާޛު އަޙްމަދު އިބްރާހީމަކީ، ކޮމްޕިއުޓަރުފަދަ ވަސީލަތްތައް ނެތް ދުވަސްވަރު، ލިބިވަޑައިގެންފައިވާ، ރީތިކޮށް ތާނަ ލިޔުމާއި، ބޮޑުއަކުރު އެޅުމުގެ ހުނަރު ބޭނުންކުރައްވައިގެން އޮފީހުގެ ފޮތްތަކާއި ފައިލްތައް ރީތިކޮށް ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު އަޙްމަދު އިބްރާހީމަކީ، ޝަރީޢާ އެންޑް ލޯ ގެ ރޮނގުން ބެޗްލަރސް ޑިގްރީ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ޝަރީޢާގެ ރޮނގުން ޑިޕްލޮމާވެސް ވަނީ ހާސިލު ކުރައްވައިފައެވެ.