އަލްފާޟިލާ ޢާއިޝަތު އިސްމާޢީލް
ފަރުމާ ރ. މަޑުއްވަރި

ޢާއިޝަތު އިސްމާޢީލް، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 36 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، ފެމިލީ ހެލްތު ވަރކަރެއްގެ ގޮތުން، 1 މޭ 1979 ގައެވެ. 12 ސެޕްޓެންބަރު 1981 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، 5 ޖުލައި 1987 ގައި ފެމިލީ ހެލްތު އޮފިސަރ ގްރޭޑް 1ގެ ވަޒީފާއަށް ވެދެވަޑައިގެންނެވި ފަހުން ޚިދުމަތުން ވަކިވެވަޑައިގެންފައެއް ނުވެއެވެ. ޢާއިޝަތު އިސްމާޢީލް މިހާރު ހުންނެވީ، ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރ ގްރޭޑް 4ގެ މަގާމުގައެވެ.

މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޢާއިޝަތު އިސްމާޢީލް، ޞިއްޙީ ދާއިރާއަށް ކޮށްދެއްވައިފައިވަނީ ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެކެވެ. މިގޮތުން، ޢާންމު ރައްޔިތުން ޞިއްޙީ ކަންކަމަށް ހޭލުންތެރި ކުރެއްވުމަށާއި، އެކި ރޯގާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އެޅުމުގެ މުހިންމުކަމާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރެއްވުމަށް ކުރައްވައިފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށްލަންޖެހެއެވެ. އަދި ކޮންމެ ދުވަހަކު ގޭގެޔަށް ޒިޔާރަތް ކުރައްވައި، ޢާންމު ސާފުތާހިރުކަމުގެ މަޢުލޫމާތު، އެ ގޭގޭގައި ދިރިއުޅޭ މީހުންނަށް ދެއްވައި، މަދިރި އާލާވާފަދަ ތަންތަން ހުރިތޯ ބައްލަވައި، އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައިފައި ވެއެވެ. އަދި ރާއްޖެއަށް ޝިގެއްލާ ރޯގާ ކުރިމަތިވި ދުވަސްވަރު ބަލިމީހުންނަށް ފަރުވާ ދެއްވުމުގައްޔާއި، ގައިންގަޔަށް އަރާ ބަލިތަކަށް ފަރުވާ ދެއްވުމުގައްޔާއި، ޢާންމުން ހޭލުންތެރިކުރުވުމުގެ އެންމެހައި މަސައްކަތްތަކުގައިވެސް ޢާއިޝަތު އިސްމާޢީލް ޢަމަލީގޮތުން އުޅުއްވައިފައި ވެއެވެ.

ދަރިމައިވުމުގެ ޞިއްޙަތު ޕްރޮގްރާމްގެ ދަށުން މާބަނޑު މީހުން ބެއްލެވުމާއި، ވިއްސުމާއި، ޞިއްޙީގޮތުން އެމީހުން ހޭލުންތެރިކުރުވުމަށާއި، އިތުރު ފަރުވާއަށް ބޭނުންވާ މީހުން ގޮވައިގެން ރީޖަނަލް ހޮސްޕިޓަލަށް ދަތުރުކުރެއްވުމާއި، އެކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ އެންމެހައި މަސައްކަތްތައްވެސް ޢާއިޝަތު އިސްމާޢީލް ވަނީ ކުރައްވައިފައެވެ. އަދި މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ. އަތޮޅުތެރެއަށް ވެކްސިން ޕްރޮގްރާމް ތަޢާރުފްވުމާ ގުޅިގެން މޯބައިލް ޓީމުތަކާއެކު ވެކްސިން ދިނުމުގެ އެންމެހައި މަސައްކަތްތަކުގައިވެސް ޢާއިޝަތު އިސްމާޢީލް ޢަމަލީގޮތުން އުޅުއްވައިފައި ވެއެވެ.

ނިއުޓްރިޝަން ޕްރޮގްރާމްގެ ދަށުން ތުއްތުކުދިންގެ ހެދިބޮޑުވުން ގަވާއިދުން ބެލެހެއްޓެވުމާއި، އެ ކުދިންނަށްދޭ ކާނާ ތައްޔާރުކުރާނެގޮތުގެ މަޢުލޫމާތު ބެލެނިވެރިންނަށް ދެއްވައި، ހޭލުންތެރިކުރުވުމުގެ މަސައްކަތަކީވެސް ޢާއިޝަތު އިސްމާޢީލް ކުރައްވައިފައިވާ ވަރަށް މުހިންމު މަސައްކަތްތަކެކެވެ.