ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް
ގ. ކަނޑިތޮޅިއާގެ

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް، ސިފައިންގެ ޚިދުމަތް ފެށްޓެވީ 18 ފެބްރުވަރީ 1985 ގައި ކޮމިއުނިކޭޝަންގެ ރޭޑިއޯ އޮޕަރޭޓަރެއްގެ ގޮތުގައެވެ. މި ދާއިރާއިން ކުރިއަށް ވަޑައިގަތުމަށްޓަކައި އެމެރިކާގައި ރޭޑިއޯ ރިޕެއަރ ކޯހެއް ފުރިހަމަކުރެއްވިއެވެ. އަދި މިކޯހުން 1 ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު، 1989 ވަނަ އަހަރު ހޯއްދެވިއެވެ. އެމް.އެން.ޑީ.އެފް.ގެ ކޮމިއުނިކޭޝަން ތަރައްޤީ ކުރެއްވުމަށް ޢަބްދުއްރަޙީމް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީ ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. މިގޮތުން، މި ފަންނުގެ ދިވެހިން، ސިފައިންގޭގެ ބޭރުން ގެނެސްގެން ކުރަމުންގެންދިޔަ މަރާމާތުކުރުމުގެ އެކިއެކި މަސައްކަތްތައް ސިފައިންގެއިން ކުރައްވަން ފެށްޓެވުމާއި، ކޮމިއުނިކޭޝަން ވާރކްޝޮޕެއް ޤާއިމުކުރެއްވުމަށްފަހު، އެތަން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގައި، ޢަބްދުއްރަޙީމްގެ ހިއްސާ ވަރަށްބޮޑެވެ. އަދި އޭރު ރައީސުލްޖުމްހޫރިއްޔާއާއި، ޑިފެންސް މިނިސްޓަރުގެ ނައިބު، ރާއްޖޭގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ކޮމިއުނިކޭޝަންގެ ކަންތައް ބެލެހެއްޓެވުމުގައި، އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކީވެސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. މިގޮތުން، ރާއްޖެތެރޭގެ ރަށްރަށުންނާއި، ދަތުރުފުޅު ކުރައްވާ އުޅަނދުފަހަރުން ޓެލެފޯނާއި، ރޭޑިއޯ ޓެލެފޯނުން މާލެއާ ގުޅޭނެގޮތް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރައްވައިފައި ވެއެވެ.

ސިފައިންގެ އިންޓެލިޖެންސްގެ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ސިފައިންގެ ހެވިކަމާއި ކުޅިވަރު ތަރައްޤީ ކުރެއްވުމަށް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް އިސްނަންގަވައިގެން ކުރައްވައިފައިވާ މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، ސާރކް ސަމިޓުގެ ސެކިއުރިޓީއާބެހޭ މަސައްކަތާއި، ސުނާމީ ކާރިޘާއާ ގުޅިގެން ގެއްލުން ލިބުނު ގެތަކުގެ ބަދަލުގައި ގއ.މާމެންދޫގައި އިމާރާތްކުރި ގެތަކުގެ މަސައްކަތާއި، ކޯވިޑް19-އާ ގުޅިގެން ހުޅުމާލޭގައި ޢިމާރާތްކުރި ކޯވިޑް ފެސިލިޓީގެ މަސައްކަތްތަކާއި، ނަޞްރުގެ ދުވަހުގެ ހަނދާނީ ބިނާގެ މަސައްކަތްފަދަ ޤައުމީ ބޮޑެތި މަސައްކަތްތަކުގައި، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ވަރަށް އިސްދައުރެއް ވަނީ އަދާކުރައްވައިފައެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ފުރުއްވައިފައިވާ އިސް މަގާމުތަކުގެ ތެރޭގައި، ސަދަން އޭރިޔާގެ ކޮމާންޑަރުގެ މަގާމާއި، ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގެ ކޮމަޑާންޓުގެ މަގާމާއި، މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަގާމާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކޮމާންޑިންގ އޮފިސަރުގެ މަގާމާއި، އޯޑްނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަގާމާއި، ސްޕެޝަލް އެސެސްމަންޓް ޔުނިޓުގެ ކޮމާންޑިންގ އޮފިސަރުގެ މަގާމާއި، ޑައިރެކްޓްރޭޓް އޮފް މިލިޓަރީ އިންޓެލިޖެންސްގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑައިރެކްޓަރުގެ މަގާމާއި، އެމް.އެން.ޑީ.އެފް. ވެލްފެއަރ ބޯޑުގެ ޗެއަރމަންކަމުގެ މަގާމުގެ އިތުރުން، އެމް.އެން.ޑީ.އެފް. ގްރީވަންސް ބޯޑުގެ ޗެއަރޕަރސަން ކަމުގެ މަގާމާއި، އެމް.އެން.ޑީ.އެފް.ގެ ސްޕޯކްސްޕާރސަން ކަމުގެ މަގާމު ހިމެނެއެވެ.

ސިފައިންގެ ޚިދުމަތުގައި މިވީ ދިގު މުއްދަތުގެ ތެރޭގައި، ސިފައިންގެ ލަފާދޭ މަޖިލީހާއި، އެކިއެކި ކޮމިޓީތަކާއި، ބޯޑުތަކާއި، މަޖިލިސްތަކުގައިވެސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ވަނީ ޚިދުމަތް ކުރައްވައިފައެވެ. ސިފައިންގެޔަށް ކުރައްވައިފައިވާ އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ 10 މެޑެއްޔާއި، ޝަރަފުގެ 8 ކުލަ ވަނީ ހާސިލުކުރައްވައިފައެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑެއްޔާއި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެލް ހިމެނެއެވެ. ހާސިލު ކުރައްވައިފައިވާ ކުލަތަކުގެ ތެރޭގައި، ކާމިޔާބުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން، އަޚްލާޤީ ކުލަ ތިންފަހަރު އަދި ޚާއްޞަ ޚިދުމަތުގެ ކުލަ، ދެފަހަރު ހާސިލު ކުރައްވައިފައި ވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް، ދިވެހި ޢަސްކަރިއްޔާގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަނުކުރައްވައިފައި ވަނީ 11 ޑިސެންބަރު 2018 ގައެވެ. މި މަގާމަކީ 2016 ވަނަ އަހަރުން ފެށިގެން ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް އަދާކުރައްވަމުން ގެންދަވާ ޑައިރެކްޓަރ ޖެނެރަލް އޮފް ޑިފެންސް އިންޓެލިޖަންސް ސަރވިސްގެ އިތުރުން ޙަވާލުކުރެވުނު މަގާމެކެވެ. މީގެއިތުރުން، ޤައުމީ ދިފާޢީ ބާރުގެ މާލީ ޒިންމާދާރު ވެރިޔާގެ މަގާމު އަދާކުރައްވަމުން ގެންދަވަނީވެސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.