އަލްްފާޟިލާ އާމިނަތު ނިޒާރު
މ. ގުލްޝަމީމާގެ

އާމިނަތު ނިޒާރު، ޕްރީސްކޫލް ޓީޗަރެއްގެ މަގާމުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 2 ފެބުރުވަރީ 1985 ގައެވެ. 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޓީޗަރެއްގެ ގޮތުގައި ހުންނަވައިގެން ޚިދުމަތް ކުރައްވައިފައި ވެއެވެ. ޕްރީސްކޫލުން ފެށިގެން ގޮސް ޕްރައިމަރީއާ ހަމަޔަށް ކިޔަވައިދެއްވައިފައި ވެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރީސްކޫލް ޓީޗަރެއްގެ މަގާމުގައި ހުންނަވައިގެން، ހެންވޭރު ސްކޫލް (މިހާރުގެ އަމީރު އަޙްމަދު ސްކޫލް) ގައި، 1985 ން ފެށިގެން 1988 އަށް ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި، އެ ސްކޫލްގެ ހެޑްޓީޗަރުކަންވެސް ކުރައްވައިފައި ވެއެވެ. މި މަގާމުގައި ހުންނަވައިގެން، ޓީޗަރުންގެ ކިޔަވައިދިނުމުގެ ކަންކަން ރަނގަޅު ކުރައްވައި، ސްކޫލްގައި ހިންގޭ އިތުރު ހަރަކާތްތައް ރާއްވަވައި ހިންގެވުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.

އޭގެފަހުން، އާމިނަތު ނިޒާރު ޚިދުމަތް ކުރައްވަމުން ގެންދެވީ، މާފަންނު މަދަރުސާގައެވެ. 1 ޖަނަވަރީ 1989 ން ފެށިގެން 31 ޖުލައި 2001 އަށް އެ ސްކޫލްގެ ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ. އަދި، އެ ސްކޫލްގެ ހެޑް ޓީޗަރުކަންވެސް ކުރެއްވިއެވެ. މާފަންނު މަދަރުސާގައި ޚިދުމަތް ކުރެއްވިއިރުވެސް، އެ ސްކޫލްގެ މެނޭޖްމަންޓާ ގުޅިވަޑައިގެން އިތުރު ހަރަކާތްތައް ހިންގަވައި ދެއްވައި، އަމިއްލައަށް އިސްނަންގަވައިގެން ބައެއް ކަންކަން ކުރައްވައިފައި ވެއެވެ. މީގެއިތުރުން، މާފަންނު މަދަރުސާގެ ޕްރީ-ސްކޫލް ދަރިވަރުންނަށް ކިޔަވައިދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައްޔާރުކުރި ފޮތްބައި ތައްޔާރުކުރެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އާމިނަތު ނިޒާރު، 17 ޖުލައި 2001 ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައެވެ. މިހާރު ހުންނެވީ ޓީޗަރ (ޕްރައިމަރީ) ގެ މަގާމުގައެވެ. އަދި، ޕްރައިމަރީ ޓީޗަރެއްގެ ހައިސިއްޔަތުން ތަފާތު ގްރޭޑްތަކުގައި ކިޔަވައިދެއްވައިފައި ވެއެވެ. އާމިނަތު ނިޒާރު، ޢަރަބިއްޔާ ސްކޫލްގައި ކިޔަވައިދެއްވުމުގެ އިތުރަށް، އިތުރު ހަރަކާތްތައް، އެ މަދަރުސާގައި ހިންގަވައިދެއްވައެވެ. ސްކޫލްގެ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި، ސްކޫލްގެ މެނޭޖްމަންޓަށް އެހީތެރިވެދެއްވައި، އެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ދެއްވަމުން ގެންދަވައެވެ.