އަލްފާޟިލާ އަނީސާ އަޙްމަދު
ދަފްތަރު. ނަންބަރު ރސ 0274

އަނީސާ އަޙްމަދު ފުރަތަމަ އަދާކުރެއްވީ، ޕެންޝަން އެންޑް ސޯޝަލް ވެލްފެއަރ ޑިވިޜަންގެ 2 ނަންބަރު ކާތިބާއެއްގެ ވަޒީފާއެވެ. 16 އޮކްޓޫބަރު 1984 ގައި ސަރުކާރަށް ވެދެވަޑައިގަތުމަށްފަހު،
އިމިގްރޭޝަނަށް ބަދަލުވެވަޑައިގަތީ، 19 ފެބުރުވަރީ 1986 ގައެވެ. މި ވޭތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި އަނީސާ ޚިދުމަތް ކުރައްވައިފައިވަނީ އިމިގްރޭޝަންގައެވެ. ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، އިމިގްރޭޝަން އޮފިސަރ ގްރޭޑް 2 ކަމާއި، އިމިގްރޭޝަން އޮފިސަރ ގްރޭޑް 3 ގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ.

އަނީސާ އަޙްމަދަކީ، މޯލްޑިވްސް އިމިގްރޭޝަންގެ އެކިއެކި ލަނޑުދަނޑިތައް ހާސިލު ކުރެއްވުމުގައި ހީވާގިކަމާއި އިޚްލާޞްތެރިކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަނީސާގެ ވިސްނުންތެރި އަދި އުފެއްދުންތެރި ޚިޔާލުތައް ވަނީ ޒަމާނީ އަދި ތަރައްޤީ އިދާރާއެއްގެ ގޮތުގައި، މޯލްޑިވްސް އިމިގްރޭޝަން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އަނީސާ އަޙްމަދު ވަނީ ޒިންމާދާރުކަމާއި ހީވާގިކަމާއެކު މެދުކެނޑުމެއްނެތި 25 އަހަރު ވަންދެން މޯލްޑިވްސް އިމިގްރޭޝަންގެ އެޑްމިނިސްޓްރޭޓިވް ސެކްޝަންގެ ސްޓޮކާއި، ޕްރޮކިއުމަންޓާބެހޭ އެންމެހައި ކަންކަން ބަލަހައްޓަވައިފައެވެ. އަދި، ވާރކް ވިޒާ ސެކްޝަނަކީ، ޒަމާނީ ތަރައްޤީއާއެކު ޚިދުމަތްދޭ ސެކްޝަނެއްގެ ގޮތުގައި ހައްދަވައި، އެ ސެކްޝަން ހަރުދަނާ ކުރައްވައި ބިނާކުރެއްވުމަށްޓަކައި މެދުކެނޑުމެއްނެތި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 12 އަހަރު ވެފައިވާ ބޭފުޅެއްވެސް މެއެވެ.

އަނީސާ އަޙްމަދަކީ، އޮފީހުން ބާއްވަވާ އެކިއެކި ހަރަކާތްތަކުގައި، ވަރަށް އިސް ދައުރެއް އަދާކުރައްވާ، އަދި އެކިއެކި ކަންކަން ރާއްވަވައި ހިންގެވުމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއްމެއެވެ.