އަލްފާޟިލް އިބްރާހީމް ރަފީޢު
މއ. ވެސްޓް ސްނޯ

އިބްރާހީމް ރަފީޢު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 8 މޭ 1984 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޓެލަރއެއްގެ ވަޒީފާއިންނެވެ. އެ ވަޒީފާގައި އެއް އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ބަދަލުވެވަޑައިގަތީ، އޭރުގެ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީއަށެވެ. 11 މޭ 1985 ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ މީޓިއޮރޮލޮޖީގައެވެ.

މިވޭތުވެދިޔަ 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މީޓިއޮރޮލޮޖީގެ އެކި ފެންވަރުގެ ފަންނީ އަދި އިދާރީ މަގާމުތަކުގައި އިބްރާހީމް ރަފީޢު ވަނީ ޚިދުމަތް ކުރައްވައިފައެވެ. އަދި ކަމާގުޅޭ ތަމްރީނުތައް، ރާއްޖެއިން ބޭރުންވެސް ވަނީ ފުރިހަމަކުރައްވައިފައެވެ. އޮފީސް ތަމްސީލު ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީވެސް ފަންނީ މަސައްކަތުގެ ތެރެއިން ރަފީޢަށް ލިބިވަޑައިގެންނެވި އިތުރު ތަޖުރިބާއެކެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވިއިރު، އެ ސަރވިސްގެ އިދާރީ މަސައްކަތުގައި އުޅުއްވުމަށްފަހު، މަގާމުތަކުގެ އޮނިގަނޑަށް ގެންނެވި ބަދަލާއެކު، ފަންނީ މަސައްކަތްތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާތީ، މިހާރު އިބްރާހީމް ރަފީޢު އަދާކުރައްވަމުން ގެންދަވަނީ، މީޓިއޮރޮލޮޖިކަލް ޓެކްނީޝަނެއްގެ މަގާމެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަކީ، 24 ގަޑިއިރު ޚިދުމަތްދޭ މުއައްސަސާއަކަށްވާތީ، އޮފީހުގެ ޑިއުޓީތަކުގައި ގިނަވަގުތު އުޅުއްވަން ޖެހިވަޑައިގެންނެވި ކަމުގައިވީނަމަވެސް، ހަވާލުކުރެއްވި ކޮންމެ ކަމެއްވެސް އިބްރާހީމް ރަފީޢު ކުރައްވަމުން ގެންދަވަނީ ޝައުޤުވެރިކަމާއެކުގައެވެ. އަދި، އެކިއެކި މަގާމުތަކުގައި އަދާކުރައްވަންޖެހުނު ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި، މިއަދާ ހަމަޔަށް ދެމިހުންނެވުނުކަމީވެސް ރަފީޢަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެކެވެ.