އަލްފާޟިލާ ފާޠިމަތު ޔޫސުފް
މ. އޮޅުގިރި

ފާޠިމަތު ޔޫސުފަކީ، 11 މޭ 1983 ން ފެށިގެން ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ކާތިބާއެއްގެ ވަޒީފާއެވެ. އޭގެފަހުން، ސްރީލަންކާއަށް ވަޑައިގެން، ޕްރީސްކޫލް އެޑިޔުކޭޝަންގެ ރޮނގުން ޑިޕްލޮމާ ހާސިލު ކުރެއްވުމަށްފަހު، ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރީސްކޫލް ޓީޗަރެއްގެ މަގާމުގައެވެ.

ފާޠިމަތު ޔޫސުފްގެ ރަސްމީ ވަޒީފާއަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރީސްކޫލް ޓީޗަރެއްގެ މަގާމު ކަމަށްވިޔަސްވެސް، ޕްރީސްކޫލް ޓީޗަރުންނަކީ، މާލޭގެ އަވަށު މަދަރުސާތަކަށާއި، އެހެން ސްކޫލްތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޫކުރައްވަމުން ގެންދަވާ ބައެކެވެ. އެހެންކަމުން، ޕްރީސްކޫލް ޑިޕްލޮމާ ފުރިހަމަކުރެއްވުމަށްފަހު، 1985 ވަނަ އަހަރުގެ ތެރޭގައި ފާޠިމަތު ޔޫސުފް ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، އޭރުގެ ހެންވޭރު އަވަށު ސްކޫލް، ފަހުން މަދްރަސަތުލް އަމީރު އަޙްމަދުގައެވެ. މަދްރަސަތުލް އަމީރު އަޙްމަދުގައި 1985 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރުގެ ނިޔަލަށް ޚިދުމަތް ކުރެއްވިއިރު، އެ މަދްރަސާގެ އެލް.ކޭ.ޖީ.އާއި، ޔޫ.ކޭ.ޖީ އަދި ނާރސަރީ ކްލާސްތަކަށާއި، ސްޕެޝަލް ގްރޭޑަށް ކިޔަވައިދެއްވައިފައި ވެއެވެ. ހެންވޭރު ސްކޫލްގައި ފާޠިމަތު ޔޫސުފް ޚިދުމަތް ކުރައްވައިފައިވަނީ، ޒިންމާދާރުކަމާއި އުފެއްދުންތެރިކަމާއި، ހުނަރުވެރިކަމާ އެކުގައެވެ. ވަސީލަތްތައް މަދު މާޙައުލެއްގައި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް އޭރު މަސައްކަތް ކުރެއްވީ އިޚްލާޞްތެރިކަމާ އެކުގައެވެ. ފާޠިމަތު ޔޫސުފް، ހެންވޭރު ސްކޫލްގައި ޚިދުމަތް ކުރެއްވިއިރު، ޕްރީސްކޫލްގެ ދަރިވަރުންނަށް ހިންގި އެކިއެކި ހަރަކާތްތައް ހިންގެވުމުގައި ޢަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭގެއިތުރުން، ފާޠިމަތު ޔޫސުފް، 2003 ވަނަ އަހަރުން ފެށިގެން މާފަންނު މަދަރުސާގައި ގެންދަވަނީ ޚިދުމަތް ކުރައްވަމުންނެވެ. އަދި، 2017 ވަނަ އަހަރުން ފެށިގެން ގެންދަވަނީ ޕްރީސްކޫލް ހެޑް ޓީޗަރެއްގެ މަގާމު ފުރުއްވަމުންނެވެ. މާފަންނު މަދަރުސާގެ ޕްރީސްކޫލްގެ ދަރިވަރުންނާބެހޭ އެންމެހައި ކަންކަން ރަނގަޅު ކުރައްވައި، ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރެއްވުމަށް ފާޠިމަތު ޔޫސުފް ކުރައްވައިފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. މާފަންނު މަދަރުސާގައި މިވަގުތު ޕްރިންސިޕަލެއް ނެތުމާއެކު، ސްކޫލް ހިންގެވުމުގައި ދުވަހުން ދުވަހަށް ކުރައްވަންޖެހޭ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވަނީ ފާޠިމަތު ޔޫސުފެވެ.

ފާޠިމަތު ޔޫސުފަށް ވަނީ ފިޓްނަސްގެ ދާއިރާއިން 2004 ވަނަ އަހަރު ޢާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި، 2017 ވަނަ އަހަރު އެވިޑު ކޮލެޖުން އެސޯސިއޭޓް ޑިގްރީ އިން ޗައިލްޑްހުޑް އެޑިޔުކޭޝަން ކޯސް ވަނީ ފުރިހަމަކުރައްވައިފައެވެ.