ސްޓާފް ސާރޖަންޓް ޢަބްދުއްރައްޒާޤު ޢުމަރު
ދަފްތަރު. ނަންބަރު ރސ 6519

ސްޓާފް ސާރޖަންޓް ޢަބްދުއްރައްޒާޤު ޢުމަރަކީ، 1984 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މި ވޭތުވެދިޔަ 36 އަހަރު ދުވަހުގެ ތެރޭގައި، ޢަބްދުއްރައްޒާޤު ޢުމަރު ވަނީ ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް، އެމް.އެން.ޑީ.އެފް.އަށް ކޮށްދެއްވައިފައެވެ. އަދި އެ މުއައްސަސާގެ ކުރިއެރުމަށްވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އޭގެތެރެއިން، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން އިސްނަންގަވައިގެން ކުރެއްވި އެންމެހައި މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންދެއްވުމާއި، 2011 ވަނަ އަހަރު އައްޑޫސިޓީގައި ސާރކް ސަމިޓް ބޭއްވުމަށްޓަކައި ސަރުކާރުން ކުރެއްވި ބުރަ މަސައްކަތްތަކުގައި އަދާކުރެއްވި ދައުރު ފާހަގަކޮށްލަންޖެހެއެވެ. އަދި، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގައި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅުތަކުގެ މަތިންވެސް ހަނދާންކޮށްލަން ޖެހެއެވެ.

ސްޓާފް ސާރޖަންޓް ޢަބްދުއްރައްޒާޤު ޢުމަރަކީ، އެކި ދުވަސްވަރު ސިފައިން ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގައިވެސް ވަރަށް ހީވާގިކަމާއެކު އުޅުއްވައިފައިވާ ބޭފުޅެކެވެ. އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމުގެ އިތުރުން، ލާންސް ކޯޕްރަލް، ކޯޕްރަލް، ސާރޖަންޓް ރޭންކުތަކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި، ސިފައިންގެ އެކި ދާއިރާތަކުގައިވެސް ވަނީ އުޅުއްވައިފައެވެ. މިގޮތުން، ޑިއުޓީ ސެކްޝަން، ޑެލްޓާ ފޯސް، ޓާސްކްފޯސް، ސަޕްލައި ސަޕޯޓް ސަރވިސް، ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޜަން، އޯޑްނަންސް ސަރވިސްގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

ސްޓާފް ސާރޖަންޓް ޢަބްދުއްރައްޒާޤު ޢުމަރު، ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 މެޑެއްޔާއި، 7 ކުލަ ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚްލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17 ވަނަ ސާރކް ސަމިޓް މެޑެލް އަދި މިނިވަން 50 ގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން، އަޚްލާޤީ ކުލަ، ތިންފަހަރު ލިބިވަޑައިގެންފައި ވެއެވެ.