ސްޓާފް ސާރޖަންޓް އިބްރާހީމް ރަޝީދު
ވައިލެޓް ހައުސް ހދ. ފިނޭ

ސްޓާފް ސާރޖަންޓް އިބްރާހީމް ރަޝީދަކީ، 1984 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުން ފެށިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ، އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމެވެ. އޭގެފަހުން ލާންސް ކޯޕްރަލް، ކޯޕްރަލް، ސާރޖަންޓް ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މިވޭތުވެދިޔަ ދިގު މުއްދަތުގައި، އެން.އެސް.އެސް.ގެ 6 ދާއިރާއެއްގައި ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ސްޓާފް ސާރޖަންޓް އިބްރާހީމް ރަޝީދު، މުއައްސަސާގެ ކުރިއެރުމަށްޓަކައިވެސް ފާހަގަކުރެވޭ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. މިގޮތުން، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން އިސްނަންގަވައިގެން ކުރެއްވި އެންމެހައި މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންފައިވުމާއި، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގައި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، އެކި ދުވަސްވަރު ސިފައިން ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގައްޔާއި، އެކިއެކި ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އިބްރާހީމް ރަޝީދު ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 މެޑެއްޔާއި، 8 ކުލަ ލިބިވަޑައިގެންފައި ވެއެވެ. އެގޮތުން، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، 3ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17 ވަނަ ސާރކް ސަމިޓް މެޑެލް، މިނިވަން 50 ގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ، ތިންފަހަރު ލިބިވަޑައިގެންފައި ވެއެވެ.