ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ޙަލީމް
ގ. ބްލޫލައިން

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ޙަލީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 13 މާރިޗު 1984 ގައެވެ. މިވޭތުވެދިޔަ 37 އަހަރު ދުވަހުގެ ތެރޭގައި ޚިދުމަތް ކުރައްވައިފައިވަނީ، އެން.އެސް.އެސް. ގައްޔާއި މޯލްޑިވްސް ޕޮލިސް ސަރވިސްގައެވެ. ފުރަތަމަ އަދާކުރެއްވީ، އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމެވެ. އޭގެފަހުން، އެން.އެސް.އެސް.ގެ ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލްކަން ކުރައްވައިފައި ވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބަދަލުވެވަޑައިގަތީ 1 ސެޕްޓެންބަރު 2004 ގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ސިފައިންގެ އެކި ދާއިރާތަކުގައި، އާދަމް ޙަލީމް ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި އެ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، ހަނދާނީ ލިޔުންވެސް ވަނީ ލިބިވަޑައިގެންފައެވެ.

އާދަމް ޙަލީމް، ސިފައިންގޭގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 9 މެޑެއްޔާއި، 5 ކުލަ ވަނީ ލިބިވަޑައިގެންފައެވެ. ލިބިވަޑައިގެންނެވި މެޑެލްތަކުގެ ތެރޭގައި، އަޚްލާޤީ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، ފުލުހުންގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، މިނިވަން 50ގެ މެޑެލް، 3 ނޮވެންބަރުގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންނެވި ކުލަތަކުގެ ތެރޭގައި، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ، ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ.