އަލްފާޟިލް މުޙައްމަދު އަޙްމަދު
ދަފްތަރު. ނަންބަރު ރސ 1300

މުޙައްމަދު އަޙްމަދަކީ، 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. 4 ފެބުރުވަރީ 1985 ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ ކަސްޓަމްސްގައެވެ. ކަސްޓަމްސްގެ 2ނަންބަރު ކާތިބު ކަމާއި، އެސިސްޓެންޓް ކޭޝިއަރ ކަމާއި، ކޭޝިއަރ ކަމާއި، ސީނިއަރ ކޭޝިއަރ ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ޗީފް ކަސްޓަމްސް އޮފިސަރ ކަމުގެ މަގާމާއި، ސުޕްރިންޓެންޑެންޓްގެ މަގާމު ފުރުއްވައިފައި ވެއެވެ. 18 ޖުލައި 2021 ން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމެވެ.

މުޙައްމަދު އަޙްމަދު، ކަސްޓަމްސްގައި އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ، ފައިސާއާބެހޭ ކަންކަން ބެލެހެއްޓެވުމުގައެވެ. އެގޮތުން، ބަޖެޓް އެންޑް ރެވެނިއު ސެކްޝަންގައްޔާއި، ސީ ކާގޯ އެގްޒެމިނޭޝަން ސެކްޝަންގައްޔާއި، ހާބަރ ކްލިއަރެންސްގައްޔާއި، ގއ.ވިލިނގިލީ ކަސްޓަމްސް އޮފީހުގައިވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޕްރޮކިއުމަންޓް ސެކްޝަންގެ ހެޑެއްގެ ގޮތުގައެވެ.

މުޙައްމަދު އަޙްމަދު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިފައިވަނީ، ރިފަންޑުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދިރާސާ ކުރައްވައި ތައްޔާރު ކުރެއްވި ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓަށް ވަނީ ވަރލްޑް ކަސްޓަމްސް އޯގަނައިޒޭޝަނުން މެރިޓް ސެޓްފިކެޓް ދެއްވައިފައެވެ.

މުޙައްމަދު އަޙްމަދު، ހާސިލު ކުރައްވައިފައިވާ ކުލަތަކުގެ ތެރޭގައި، ޚާއްޞަ ޚިދުމަތުގެ ކުލަ، ދިގު މުއްދަތުގެ ކުލަ، އަޚްލާޤީ ކުލަ، އިޚްލާޞްތެރިކަމުގެ ކުލަ، ޚިދުމަތުގެ ކުލައާއި، ޤާބިލުކަމުގެ ކުލަ ހިމެނެއެވެ. އަދި، ކަސްޓަމްސްގެ ރަން ބެޖް ހާސިލު ކުރައްވައި، 1997، 1998، 1999 ވަނަ އަހަރު ކަސްޓަމްސްގެ ނަމޫނާ މުވައްޒަފެއްގެ ގޮތުގައިވަނީ ހޮވިވަޑައިގެންފައެވެ.