އަލްފާޟިލާ ޙުސްނާ ފަހްމީ
މ. އަފްޒާ

ޙުސްނާ ފަހްމީއަކީ، 27 ނޮވެންބަރު 1978 ން ފެށިގެން 10 މާރިޗު 2021 ގެ ނިޔަލަށް، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

ޙުސްނާ ފަހްމީ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލްގައެވެ. އެ ސްކޫލުން ވަކިވެވަޑައިގަތީ، ފަށާ ތަޢުލީމުގެ މުދައްރިސް ކަމުގެ ކޯސް ފުރިހަމަކުރެއްވުމަށެވެ. ކޯސް ފުރިހަމަކުރެއްވުމަށްފަހު، ވަޒީފާ އަދާކުރައްވަމުން ގެންދެވީ، ޖަމާލުއްދީން ސްކޫލްގައެވެ. އެ ސްކޫލްގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ. އެއަށްފަހު، ދަރުމަވަންތަ ސްކޫލްގައި ކޮލިފައިޑް ޓީޗަރަކަށް ކުޑަ ދުވަސްކޮޅަކު އުޅުއްވުމަށްފަހު، ދެން ބަދަލުވެވަޑައިގަތީ ކަލާފާނު ސްކޫލްގެ ލީޑިންގ ޓީޗަރެއްގެ މަގާމަށެވެ. ޙުސްނާ ފަހްމީ ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކަލާފާނު ސްކޫލްގެ ސީނިއަރ ޓީޗަރެއްގެ މަގާމުގައެވެ.

ޙުސްނާ ފަހްމީއަކީ، މަސައްކަތު ދާއިރާގައި، އެހެން މުވައްޒަފުންނާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވި ނަމޫނާ ބޭފުޅެކެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ހާޒިރީއަށާއި ގަޑިއަށް ފަރުވާ ބެހެއްޓެވި އަދި ހަވާލުކުރެވޭ ކޮންމެ ކަމެއްވެސް ވަރަށް ޒިންމާދާރުކަމާއި ޤާބިލުކަމާއެކު ކުރައްވައި، ވަގުތުން ވަގުތަށް ކަންކަން ނިންމެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވި ބޭފުޅެކެވެ. ކޮންމެ ކަމެއް ކުރައްވާއިރުވެސް، ތަނަށް އެންމެ ފައިދާހުރި ގޮތަކަށް އެކަމެއް ކުރެއްވޭތޯ ބެއްލެވުމަކީ، ޙުސްނާގެ ވަރަށް ޚާއްޞަ ސިފައެކެވެ.

ތަޢުލީމީ ރޮނގުންވެސް، ޙުސްނާ ފަހްމީ ވަނީ ކާމިޔާބީތަކެއް ހޯއްދަވައިފައެވެ. އެގޮތުން، ދިވެހި ލޭންގްވިޖް އެންޑް ކަލްޗަރ އިން މާސްޓަރޒް ޑިގްރީއާއި، ޕޯސްޓް ގްރެޖުއޭޓް އިން ޓީޗިންގއާއި، ދިވެހި ލޭންގްވިޖުން ބެޗްލަރސް ޑިގްރީ ހާސިލު ކުރައްވައިފައި ވެއެވެ.

ޙުސްނާ ފަހްމީއަކީ ލިޔުންތެރިކަމުގެ ރޮނގުންވެސް ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ. "އަރާކުރި" ސީރީސްގެ ނަމުގައި ނާސަރީ ކުދިންނަށް ޚާއްޞަ ކުރައްވައިގެން އުފެއްދެވި ކިޔަން ދަސްކުރާ ފޮތްތަކުން ފެށިގެން ގޮސް، ޕްރައިމަރީ ހުރިހާ ގްރޭޑަކަށް އަމާޒުކުރައްވައިގެން ނެރުއްވި ވާހަކަ ފޮތްތަކުގެ ތެރޭގައި، 182 ކުރު ވާހަކަ ހިމެނެއެވެ. އޭގެއިތުރުން، ޕްރައިމަރީ އުމުރުފުރާއަށް އަމާޒުކޮށް، މަސައްކަތު ފޮތްތަކާއި، ކިޔުމުގެ ދޭހައިގެ ފޮތްތައް ލިޔުއްވައިފައިވެއެވެ. ޙުސްނާ މިހާތަނަށް 34 ފޮތެއް ލިޔުއްވައިފައި ވެއެވެ. އޭގެތެރެއިން 27 ފޮތެއް ޢާންމުންނާ ހަމަޔަށް ނެރެދެއްވައިފައި ވެއެވެ.