ސާރޖެންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުއްނާޞިރު މޫސާދީދީ
ގ. ޑްރީމް އޮފް ގާރޑްން

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުއްނާޞިރު މޫސާދީދީއަކީ، 1976 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހުން ފެށިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކުގައި 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 3 ވަނަ ދުވަހު، ދިވެހި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުއްނާޞިރު މޫސާދީދީ، މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ފާހަގަކުރެވޭ ޚާއްޞަ ޚިދުމަތްތަކަށް ބަލާއިރު، އެން.އެސް.އެސް.ގެ އިންޖިނިއަރިންގ ސަރވިސްގެ އެޑްމިނިސްޓްރޭޝަން ޓްރޭނިންގ ސެކްޝަންގެ އެން.ސީ.އޯ. އިންޗާޖަކަށް ހުންނަވައިގެން، އެ ދާއިރާގެ ކަންކަން ރަނގަޅު ކުރައްވައި، އެކަށީގެންވާ ފެންވަރެއްގައި ތަމްރީނުތައް ކުރިއަށް ގެންދެވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އަދި، ސިފައިންގެ ކޯޕަރޭޓިވްގައި މަސައްކަތް ކުރެއްވިއިރު، ސިފައިންގެ ކޯޕަރޭޓިވުން ބަންޑާރަކޮށީގައި ހިންގާ ކޭޓަރިންގ ބައިގެ ސުޕަވައިޒަރެއްގެ ގޮތުން، އެތާނގެ ކަންކަން ރަނގަޅު ކުރެއްވުމަށާއި، މުވައްޒަފުންނާ ކަންކަން ހަވާލުކުރެއްވުމާއި، މަސައްކަތްތައް ސުޕަރވައިޒް ކުރެއްވުމުގެ ގޮތުން ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. އަދި ސިފައިންގޭގައި އެކި ދުވަސްވަރު ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގައްޔާއި، މުއައްސަސާއިން ހިންގައިފައިވާ ގިނަ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ޤައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވައިފައި ވެއެވެ.

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުއްނާޞިރު މޫސާދީދީ، ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 9 މެޑެލްއާއި 7 ކުލަ ލިބިވަޑައިގެންފައި ވެއެވެ. އެގޮތުން ހާސިލު ކުރެއްވި މެޑެލްތަކުގެ ތެރޭގައި، އަޚްލާޤީ މެޑެލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް އަދި 17 ވަނަ ސާރކް ސަމިޓް މެޑެލް ހިމެނެއެވެ. ހާސިލު ކުރެއްވި ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ ތިންފަހަރަށް ހާސިލު ކުރައްވައިފައި ވެއެވެ.