އަލްފާޟިލާ ތަހުމީނާ ޢަބްދުލްކަރީމް
މ. ތިޔަރަމާގެ

ތަހުމީނާ ޢަބްދުލްކަރީމަކީ، 10 ސެޕްޓެންބަރު 1983 ގައި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި ބޭފުޅެކެވެ. އުމުރުން އެންމެ 16 އަހަރުގައި ޚިދުމަތަށް ނުކުމެވަޑައިގެން، ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޓޫރިޒަމްގައި ޓައިޕިސްޓެއްގެ މަގާމުގައެވެ. އަދި 6 ޖޫން 1989 ގައި ތާޖުއްދީން ސްކޫލަށް ވަނީ ވަޒީފާ ބަދަލުކުރައްވައިފައެވެ.

ތަހުމީނާ ޢަބްދުލްކަރީމް، ތާޖުއްދީން ސްކޫލާ ގުޅިވަޑައިގެންނެވި އަހަރަކީ، އެ ސްކޫލް އަލަށް ހުޅުވައިގެން، ކިޔަވައިދޭން ފެށި އަހަރު ކަމަށްވާތީ، މަސައްކަތް ކުރަން ބޭނުންކުރާ ވަސީލަތްތަކާއި، މަސައްކަތް ކުރަންތިބި މުވައްޒަފުންގެ އަދަދުވެސް ވަރަށް މަދެވެ. އެހެންކަމުން، ސްކޫލްގެ ޕްރިންސިޕަލްގެ ސެކްރެޓަރީއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ އިތުރުން، ސްކޫލްގެ ހިއުމަން ރިސޯސް ސެކްޝަން، ބަޖެޓް ސެކްޝަން އަދި ސްޓޫޑެންޓް އެފެއާޒްގެ މައިގަނޑު ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދެވީ ތަހުމީނާއެވެ. އަލަށް ހުޅުވުނު މުއައްސަސާއެއް ކަމަށްވުމާއި، އަދި މަސައްކަތުގެ ތަޖުރިބާ ނެތުމުން، އެދުވަސްވަރު ވަރަށްގިނަ ދަތިކަންކަން ކުރިމަތިވިކަމުގައިވީނަމަވެސް، ހުރިހާ ގޮންޖެހުންތައް ހުރަސްކުރައްވައި، މިއަދާ ހަމަޔަށްވެސް ސްކޫލްގެ މުވައްޒަފެއްގެ ގޮތުގައި ތަހުމީނާ ދެމިހުންނެވިކަން ފާހަގަކުރަންޖެހެއެވެ.

ތަހުމީނާ ޢަބްދުލްކަރީމް، ތާޖުއްދީން ސްކޫލްގައި ޚިދުމަތް ކުރެއްވި 32 އަހަރުގެ ތެރޭގައި ވަނީ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމުގެ އިތުރުން، ދަރިވަރުންގެ އައުޓިންގއާއި، މުވައްޒަފުންގެ ބައްދަލުވުންތަކާއި، ދަރިވަރުންގެ ކުޅިވަރު ހަރަކާތްތަކާއި، ޔުނީފޯމް ހަރަކާތްތައްފަދަ އިތުރު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މިފަދަ ހަރަކާތްތަކުންނާއި، އަދި އެކިގޮތްގޮތުން ސްކޫލަށް ލިބިފައިވާ ފަޚްރުވެރި ކާމިޔާބީތަކުގައި ތަހުމީނާގެ ހިއްސާ ހިމެނެއެވެ.

ތަހުމީނާ ޢަބްދުލްކަރީމް، ތާޖުއްދީން ސްކޫލްގައި މިހާތަނަށް ޚިދުމަތް ކުރެއްވި 32 އަހަރު ދުވަހުގެ ތެރޭގައި، އެ ސްކޫލްގެ ވަޒީފާގައި އިޚްލާޞްތެރިކަމާއެކު ދެމިހުންނެވުނީ، އެސްކޫލްގެ ޕްރިންސިޕަލުންގެ ގޮތުގައި ޚިދުމަތް ކުރެއްވި ހުރިހާ ބޭފުޅުން (އަލްފާޟިލާ ރާޝިދާ ޔޫސުފް، އަލްފާޟިލާ މަޢާނާ ރާފިޢު، އަލްފާޟިލް ޢަބްދުﷲ އިސްމާޢީލް، އަލްފާޟިލާ ފަޒްނާ އަޙްމަދު، އަލްފާޟިލާ އާނިފާ އިސްމާޢީލް، އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ޞާލިޙް، އަދި މިހާރުގެ ޕްރިންސިޕަލް އަލްފާޟިލާ ބަޝީރާ މުޙައްމަދު)ގެ ފަރާތްޕުޅުންނާއި، ސްކޫލްގެ މެނޭޖްމަންޓްގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އިރުޝާދާއި، އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުންނެވެ. އަދި ޢާއިލާގެ ފަރާތުން ދެއްވި ފުރިހަމަ އެހީތެރިކަމުގެ ސަބަބުންވެސް މެއެވެ.