މޭޖަރ (ރިޓަޔަރޑް) ޢަބްދުއްސަލާމް ޙުސައިން
ހުޅުމާލެ.ފްލެޓް ނަންބަރު 03-ޖީ-106

މޭޖަރ (ރިޓަޔަރޑް) ޢަބްދުއްސަލާމް ޙުސައިން، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ، 17 އޮކްޓޫބަރު 1978 ގައެވެ. އެ ދުވަހުން ފެށިގެން 1 ނޮވެންބަރު 2016 ގައި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމާ ހަމަޔަށް ވަރަށް އިޚްލާޞްތެރިކަމާއެކު ސިފައިންގެޔަށް ވަނީ ޚިދުމަތް ކޮށްދެއްވައިފައެވެ. އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2 ކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 1 ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރކަމުގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

މޭޖަރ (ރިޓަޔަރޑް) ޢަބްދުއްސަލާމް ޙުސައިން، އެން.އެސް.އެސް.ގައި ޚިދުމަތް ކުރެއްވި މުއްދަތުގައި، ތަފާތު 11 ދާއިރާއެއްގައި، އެކި ހައިސިއްޔަތުން މަސައްކަތް ކުރައްވައިފައި ވެއެވެ. އެގޮތުން، މަސައްކަތް ކުރެއްވި ބައެއް ދާއިރާތަކުގެ ތެރޭގައި، ޑެލްޓާ ފޯސް، ޓާސްކް ފޯސް ޑިއުޓީ ހިމެނެއެވެ. އަދި ސަދަން އޭރިޔާގެ ކޮމާންޑިންގ އެހީތެރިޔާ ކަމާއި، ކުއާރޓަރ މާސްޓަރ ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރ ކަމާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާ ކަމާއި، ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޜަންގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާކަން ކުރައްވައިފައި ވެއެވެ.

މޭޖަރ (ރިޓަޔަރޑް) ޢަބްދުއްސަލާމް ޙުސައިނަކީ، ސިފައިންގެ މުއައްސަސާގެ ކުރިއެރުމަށް ހިންގުނު ގިނަ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި 38 އަހަރު ދުވަހުގެ ދިގު މުއްދަތުގެ ތެރޭގައި، ގިނަ ކާމިޔާބީތަކެއް ވަނީ ހާސިލު ކުރައްވައިފައެވެ. އެގޮތުން، ޝަރަފުގެ 9 މެޑެއްޔާއި، 9 ކުލަ ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚްލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17 ވަނަ ސާރކް ސަމިޓް މެޑެލް އަދި މިނިވަން 50ގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. އަޚްލާޤީ ކުލަ ދެފަހަރު، އަދި ޚާއްޞަ ޚިދުމަތުގެ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ.