އަލްފާޟިލް އާދަމް ޝަރީފް
ޗަމަން ރ. ފައިނު

އާދަމް ޝަރީފަކީ، ތަޢުލީމީ ދާއިރާގައި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފާހަގަކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ އުމުރުން އެންމެ 16 އަހަރުގައި، 22 ފެބުރުވަރީ 1981 ގައެވެ. ޕްރައިމަރީ ޓީޗަރުކަމުން ފެށިގެން ގޮސް ޔުނިވަރސިޓީގެ ލެކްޗަރަރކަންވެސް ކުރައްވައި، ތަޢުލީމީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ދިރާސާތައް ހައްދަވައި، މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖު އެކުލަވައިލައްވައި، މުޤައްރަރުތަކާއި ޓެކްސްޓް ފޮތްތަކަށް ޕްރިންސިޕަލުންނާއި މުދައްރިސުންނާއި ބެލެނިވެރިން އަހުލުވެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެކެވެ.

އާދަމް ޝަރީފަކީ މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. 2003 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މުދައްރިސުންނަށް ބޭނުންވާ ޓީޗަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ރާއްވަވައި ހިންގެވުމާއި، މުދައްރިސުންނަށް ބޭނުންވާ ފަންނީ ތަމްރީނުތައް ލާމަރުކަޒީ ގޮތެއްގައި ލިބޭނެ ނިޒާމެއް ޤާއިމުކުރެއްވުމުގައި އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި އާދަމް ޝަރީފަކީ މަލްޓިގްރޭޑް ޓީޗިންގ ރާއްޖެއަށް ތަޢާރުފުކޮށްދެއްވުމުގައިވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.

2009 ވަނަ އަހަރު ސަރުކާރުގެ ސިޔާސަތަށް ގެންނެވި ބަދަލަކާ ގުޅިގެން، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ބައެއް މަސައްކަތްތައް، ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން (ސީ.ސީ.އީ) އަށް ބަދަލުކުރައްވައި، އެ ސެންޓަރު ހިންގެވުން އާދަމް ޝަރީފާ ހަވާލުކުރެއްވިއެވެ. އޭގެފަހުން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) 12 ޑިސެންބަރު 2012 ގައި އުފައްދަވައި، އެ މުއައްސަސާ ހިންގެވުން އާދަމް ޝަރީފާ ހަވާލުކުރެއްވުމާއެކު، އެ މުއައްސަސާގެ 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލައްވައި، ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ އުސޫލުތައް ތައްޔާރުކުރައްވައި، ޢާންމު ކުރައްވައި، ކުރު މުއްދަތެއްގެ ތެރޭގައި ތަންފީޒު ކުރައްވައިފައި ވެއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގެ އިސް މަގާމުތަކެއްވެސް އާދަމް ޝަރީފް ވަނީ ފުރުއްވައިފައެވެ. އެގޮތުން، ޓީޗަރ އެޑިޔުކޭޓަރ ކޯޑިނޭޓަރކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމާއި، ޑިރެކްޓަރ ޖެނެރަލް ކަމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަންގެ މަގާމު ފާހަގަކޮށްލެވެއެވެ.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މަގާމަށް އާދަމް ޝަރީފް ޢައްޔަން ކުރެއްވީ، 28 އޮކްޓޫބަރު 2015 ގައެވެ. އެ މަގާމުގައި ހުންނަވައިގެން، ދިވެހި ޢަސްކަރިއްޔާ އިތުރަށް ހަރުދަނާ ކުރައްވައި، އިންސާނީ ވަސީލަތް ތަރައްޤީ ކުރައްވައި، ޢުމްރާނީ ކުރިއެރުންތައް ހޯއްދަވައިދެއްވިއެވެ. "ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް" އުފައްދަވައި، ސިފައިންނަށް ދޭ ތަމްރީނުތައް ހަރުދަނާ ކުރައްވައި، "ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ" ޤާއިމުކުރައްވައި، ރާއްޖޭގައި ދީނީ ހައްދުފަހަނައެޅުމުގެ ފިކުރާއި، ލާދީނީ ފިކުރު ކުޑަކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އަދި ޢަސްކަރިއްޔާގެ ތަޞައްވުރު ރަނގަޅު ކުރެއްވުމަށް ފިކުރީ މަޖިލިސް (ތިންކް ޓޭންކް) އެއް އުފެއްދެވުމާއި، ޢަސްކަރީ ކޯޓެއް އުފެއްދުމާބެހޭ ކަރުދާހާއި، ރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ކަރުދާހެއް ތައްޔާރުކުރެއްވުން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، ސިފައިންގެ ޚިދުމަތަކީ ފަޚުރުވެރި، ޝަރަފުވެރި ޚިދުމަތެއް ކަމުގައި ހެއްދެވުމަށްވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއް އާދަމް ޝަރީފް ކުރައްވައިފައި ވެއެވެ.

އާދަމް ޝަރީފަކީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލު ކުރައްވާ މެންބަރެވެ. ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރެވެ. އަދި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރެވެ.