އަލްފާޟިލް އިބްރާހީމް ޙަސަން
އިހާ ނ. ވެލިދޫ

އިބްރާހީމް ޙަސަނަކީ 27 ޖޫން 1983 ން ފެށިގެން ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މެދުކެނޑުމެއްނެތި ޚިދުމަތް ކުރައްވަމުން ގެންދަވާ ޚިދުމަތްތެރިއެކެވެ. ސްކޫލްގެ އެންމެ ޅަފަތުގެ ދުވަހުން ފެށިގެން ސްކޫލުން ރާވައި ހިންގާ ހުރިހާ ހަރަކާތެއްގައި އިދާރީގޮތުން ކުރާ އެންމެހައި ކަންކަމުގައި، އެންމެ އިސް ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅަކީ އިބްރާހީމް ޙަސަނެވެ.

ސްކޫލުން ދަރިވަރުންނަށްޓަކައި ރާވައި ހިންގާ އިތުރު ހަރަކާތްތަކުގެ ތެރެއިން ސްކައުޓްގެ ހަރަކާތްތަކާއި، މޫދާ ގުޅުންހުރި ހަރަކާތްތަކުގައި އިބްރާހީމް ޙަސަންގެ އެހީތެރިކަން ސްކޫލަށް ލިބިފައިވަނީ ފާހަގަކޮށްލަންޖެހޭ ފެންވަރަކަށެވެ. މީގެއިތުރުން، ސުވިމިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި ހުންނަވައިގެން، އިބްރާހީމް ޙަސަންގެ އިރުޝާދުގެ ދަށުން ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގައިފައި ވެއެވެ.

ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރީ ހިންގުމުގައި، އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކީ އިބްރާހީމް ޙަސަން ކަމަށްވާއިރު، އިދާރީ ހިންގުން ޒަމާނީ ކުރުމަށް ކުރެވުނު މަސައްކަތްތަކުގައްޔާއި، ފަންނީގޮތުން ކުރިއެރުންތައް ހާސިލުކުރެއްވުމަށްޓަކައި ކޮމްޕިއުޓަރ ލިޓްރެސީއާއި، ބުކްކީޕިންގގެ ދާއިރާއިން ކުރު މުއްދަތުގެ ކޯސްތައް ފުރިހަމަކުރައްވައިގެން، ސްކޫލްގެ އިދާރީ ހިންގުމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށް އިބްރާހީމް ޙަސަން އަދާކުރެއްވި ދައުރު ހަނދާންކޮށްލަންޖެހެއެވެ. އިބްރާހީމް ޙަސަނަކީ ސަރުކާރުގެ ގަވާއިދުތަކާއި އުސޫލުތަކަށް ފަރިތަ، ޒިންމާދާރުކަމާއި އިޚްލާޞްތެރިކަމާއެކު ވަޒީފާ އަދާކުރެއްވުންމަތީ މިއަދާ ހަމަޔަށް ދެމިހުންނެވި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ހީވާގި ބޭފުޅެއްވެސްމެއެވެ.

އިބްރާހީމް ޙަސަން ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 2 ނަންބަރު ކާތިބު ކަމާއި، ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީކަން ހިމެނެއެވެ.