އަލްފާޟިލް ޢަބްދުﷲ ލުޠުފީ
ހުޅުމާލެ. ފްލެޓް ނަންބަރު 01-ޖީ-56

ޢަބްދުﷲ ލުޠުފީއަކީ، ވޮކޭޝަނަލް ޓްރޭނިންގގެ ދާއިރާއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުގެ އިންސްޓްރަކްޓަރެއްގެ ގޮތުން، އެ ސެންޓަރާ ލުޠުފީ ގުޅިވަޑައިގަތީ، 15 އޮގަސްޓު 1978 ގައެވެ. 15 އެޕްރީލް 2018 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ފެކަލްޓީ އޮފް ހެލްތު ސައެންސަސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ. ޢަބްދުﷲ ލުޠުފީ، 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، ވޮކޭޝަނަލް ޓްރޭނިންގގެ ރޮނގުން ކުދިންނާއި މީހުން ތަމްރީނު ކުރެއްވުމަށް ކުރައްވައިފައިވާ މަސައްކަތްޕުޅުތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

ޢަބްދުﷲ ލުޠުފީ ވަނީ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުގެ އިންސްޓްރަކްޓަރުގެ މަގާމުގެ އިތުރުން، އިންސްޓްރަކްޓަރ ގްރޭޑް 1ގެ މަގާމާއި، ސީނިއަރ އިންސްޓްރަކްޓަރ ކަމުގެ މަގާމާއި، ޗީފް އިންސްޓްރަކްޓަރ ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. އަދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިޔުކޭޝަންގެ ޗީފް އިންސްޓްރަކްޓަރ ކަމުގެ މަގާމާއި، ސީނިއަރ ކޯޑިނޭޓަރ ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. މީގެއިތުރުން، ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޯލޮޖީގެ ސީނިއަރ ލެކްޗަރަރ ކަމުގެ މަގާމާއި، ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

ޢަބްދުﷲ ލުޠުފީ ކުރައްވައިފައިވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ގުޅިގެން 1994 ން 1996 އަށް ހިންގި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިޔުކޭޝަން (މައިޓް) ޕްރޮޖެކްޓްގެ މެނޭޖަރެއްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލަންޖެހެއެވެ. އަދި އަސާސީ ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން، ތަނުގެ ކުރިއެރުމަށް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީވެސް ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ.

ހަމައެއާއެކު، މެރިޓައިމް ޓްރޭނިންގ ސެންޓަރު ހިންގެވުމުގައި، އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން އެ ސެންޓަރުގެ ކުރިއެރުމަށް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކުގެ ތެރެއިން އައި.އެމް.އޯ. ސްޓޭންޑަޑަށް، ސެންޓަރުންދޭ ތަމްރީނުގެ ފެންވަރު މަތިކުރެއްވުމާއި، ނޯޓިކަލް އޮފިސަރުންނާއި، އިންޖިނިއަރިންގ އޮފިސަރުން ތަމްރީނު ކުރެއްވުމަށް ފެށްޓެވި މަސައްކަތްޕުޅުވެސް ހަނދާންކޮށްލަންޖެހެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިނގަމުންދިޔަ މެރިޓައިމް ޓްރޭނިންގ ސެންޓަރުގެ ފަޔަރ ފައިޓިންގ ޓްރޭނިންގއާއި، ބަނދަރުގެ ބޯޓުފަހަރަށް ދަރިވަރުން ފޮނުވައިގެން ދެމުންދިޔަ ސަރވައިވަލް ޓްރޭނިންގ، ވިލިމާލެއަށް ބަދަލުކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. އަދި "ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް" ހިންގުމަށް ވިލިމާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރެއްވުމާއި، އެ ބިމުގައި ފަޔަރ ގްރައުންޑެއް ތައްޔާރުކުރައްވައިގެން، ފަޔަރ ފައިޓިންގ ޓްރޭނިންގ ދިނުމުގެ މަސައްކަތް ފެށްޓެވިއެވެ. އަދި ސަރވައިވަލް ތަމްރީނު ދިނުމަށް ބޭނުންވާ ތަކެތި ހޯއްދެވުމުގައްޔާއި، ސަރވައިވަލް ތަމްރީނުދޭ އިމާރާތް ޑިޒައިން ކުރެއްވުމުގެ މަސައްކަތުގައިވެސް ޢަބްދުﷲ ލުޠުފީ މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.