އަލްފާޟިލް މުޙައްމަދު ރަޝީދު އަޙްމަދު
ދަފްތަރު. ނަންބަރު ރސ 174/94

މިނިސްޓްރީ އޮފް ހެލްތުގެ ކާތިބުކަމުގެ މަގާމުން ސަރުކާރުގެ ޚިދުމަތް، 19 އޮގަސްޓު 1978 ގައި ފެށްޓެވި މުޙައްމަދު ރަޝީދު އަޙްމަދު ވަނީ ދައުލަތުގެ ޚިދުމަތުގައި 8 މުއައްސަސާއެއްގައި، 38 އަހަރު ޚިދުމަތް ކުރައްވައިފައެވެ. މުޙައްމަދު ރަޝީދު އަޙްމަދު ފާހަގަކުރެވިފައިވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، މުއައްސަސާތަކުގެ ލަނޑުދަނޑިތައް ހާސިލު ކުރެއްވުމަށް ހީވާގި މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ބޭފުޅެއްގެ ގޮތުގައެވެ. 13 ޑިސެންބަރު 2016 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.

މުޙައްމަދު ރަޝީދު އަޙްމަދު އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހެލްތުގެ ކާތިބުކަމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ކާތިބުކަމާއި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ އެކައުންޓެންޓްކަމާއި، ސްރީލަންކާގެ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ކާތިބުކަމާއި، އެކައުންޓެންޓް ކަމާއި، ބަޖެޓް އެސިސްޓެންޓް ކަމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކާތިބު ކަމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީގެ ސެކްރެޓަރީކަމާއި، ކަސްޓަމްސްގެ އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުގެ ޕްރޮޖެކްޓް އޮފިސަރ ކަމާއި، ސީނިއަރ ޕްރޮޖެކްޓް އޮފިސަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިޔުކޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ އިދާރީ މަރުކަޒުގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަން ހިމެނެއެވެ.

މުޙައްމަދު ރަޝީދު އަޙްމަދަކީ، އަދާކުރެއްވި ވަޒީފާތަކުގެ ހައިސިއްޔަތުން މީހުން ބިނާކުރުމާއި، ވަޒީފާ އަދާކުރައްވައިފައިވާ ތަންތަނުން ދެމުންގެންދިޔަ ޚިދުމަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ގިނަ ކަންކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ވަޒީފާ އަދާކުރެއްވި މުއައްސަސާތަކުން ހިންގި ހަރަކާތްތަކާއި، ހިންގި ޕްރޮޖެކްޓްތައް ތަންފީޒު ކުރުމުގައި، އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. މަސައްކަތާ ގުޅުންހުރި ތަމްރީނުތައް ފުރިހަމަކުރައްވައިގެން، ވޮކޭޝަނަލް ތަމްރީނު، ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، ޤައުމީ ފެންވަރުގައި ހިންގި ގިނަ ހަރާކާތްތަކުގައި، މުޙައްމަދު ރަޝީދު އަޙްމަދު، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެސް ވެއެވެ.