ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އަޙްމަދު
ދަނބުވިލާގެ ހއ. ހޯރަފުށި

ޢަލީ އަޙްމަދު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 5 އޮކްޓޫބަރު 1982 ގައި ސެންޓްރަލް ހޮސްޕިޓަލްގެ ފިޔޯނެއްގެ ވަޒީފާއިންނެވެ. އޭގެފަހުން އެތަނުގެ 2 ނަންބަރު ކާތިބުކަމުގެ ވަޒީފާއަށް ބަދަލުވެވަޑައިގެންނެވިއެވެ. އެން.އެސް.އެސް.ގެ ޕްރައިވެޓެއްގެ ގޮތުގައި، ސިފައިންގޭގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 6 މޭ 1986 ގައެވެ. އެން.އެސް.އެސް.އާ ގުޅިވަޑައިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ، އެކިއެކި ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ ސެކްޝަންގައެވެ. އެން.އެސް.އެސްގެ ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ރޭންކްގައި ޢަލީ އަޙްމަދު ޚިދުމަތް ކުރައްވައިފައި ވެއެވެ.

1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދިގެން، އެ ސަރވިސްއަށް ބަދަލުވެވަޑައިގެންނެވިފަހުންވެސް މަސައްކަތް ކުރައްވަމުން ގެންދެވީ، ތަޙުޤީޤީ ދާއިރާގައެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ކަމާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ކަމުގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޢަލީ އަޙްމަދަކީ، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑްކަމާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑްކަމާއި، އިންޓަރނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ސީނިއަރ އިންވެސްޓިގޭޓަރ ކަމާއި، އައްޑުއަތޮޅުގައި ދެފަހަރެއްގެ މަތިން ކޮމާންޑަރުކަމާއި، ޏ.ފުވައްމުލަކުގައި ކޮމާންޑަރު ކަމާއި، އދ. އަތޮޅުގައި ދެފަހަރެއްގެ މަތިން އެޓޮލް ކޮމާންޑަރު ކަމާއި، ކ. އަތޮޅުގައި އެޓޮލް ކޮމާންޑަރުކަން ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ޔުނީފޯމް އެންޑް އެކްސެސަރީސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް ކަމުގެ މަގާމު މިހާރުވެސް އަދާކުރައްވަމުން ގެންދަވައެވެ.

ޢަލީ އަޙްމަދަށް ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، އިޚްލާޞްތެރި ޚިދުމަތް ކުރުމުގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، ފުލުހުންގެ މެޑެލް، އަޚްލާޤީ މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، މިނިވަން ފަންސާހުގެ މެޑެލް ހިމެނެއެވެ. ޢަލީ އަޙްމަދަށް ފުލުހުންގެ ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ އަދި އަޚްލާޤީ ކުލަ ދެފަހަރަށް ލިބިވަޑައިގެންފައި ވެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު ބޮޑެތި މައްސަލަތައް ތަޙުޤީޤު ކުރެއްވުމުގައި އެކަށީގެންވާ ކާމިޔާބީތައް ހާސިލު ކުރައްވައިފައިވާތީ، އެކަމުގެ އަގުވަޒަންކުރައްވައި ދެއްވި ހަނދާނީ ލިޔުންވެސް ވަނީ އެކި އަހަރު ލިބިވަޑައިގެންފައެވެ.