އަލްފާޟިލާ ފާޠިމަތު ރާމިޒާ
މއ. ސިލްވަރޑާޒް

ފާޠިމަތު ރާމިޒާއަކީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި 39 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ، އަދި މިހާރުވެސް މި ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ސާނަވީ ތަޢުލީމު ނިންމެވުމަށްފަހު، އުމުރުން 17 އަހަރުގައި ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތެވެ. އެއީ، 1 މާރިޗު 1982ގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ސިވިލްއޭވިއޭޝަން ސެކްޝަންގެ އިނގިރޭސި ސެކްރެޓަރީގެ މަގާމުންނެވެ. އެއަރ ޓްރެފިކް ކޮންޓްރޯލަރ (ޓްރޭނީ)އެއްގެ ގޮތުގައި ކުރީގެ މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 10 މާރިޗު 1982 ގައެވެ.

މި ދާއިރާގައި ފާޠިމަތު ރާމިޒާ ވަނީ ތަފާތު މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން، އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ކަމާއި، ސީނިއަރ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ކަމާއި، ޗީފް އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރކަން ކުރައްވައިފައި ވެއެވެ. އަދި 2006 ވަނަ އަހަރު ސިވިލްއޭވިއޭޝަން ސެކްޝަން، ޑިޕާޓްމަންޓަކަށް ބަދަލުކުރެއްވުމަށްފަހު، އެ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ، އެއަރ ނެވިގޭޝަންގެ މަގާމު ފުރުއްވައިފައި ވެއެވެ. އޭގެފަހުން 2012 ވަނަ އަހަރު މޯލްޑިވްސް ސިވިލްއޭޝަން އޮތޯރިޓީ އުފެދުމާ ގުޅިގެން، 11 މޭ 2012 ގައި ރާމިޒާ ވަނީ ޑިރެކްޓަރ، އެއަރ ނެވިގޭޝަން ސަރވިސަސް އެންޑް އެއިރޮޑްރޯމްސްގެ މަގާމަށް ބަދަލުކުރައްވައިފައެވެ.

ފާޠިމަތު ރާމިޒާއަކީ، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ކުރިއެރުމަށާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ހަރުދަނާ ކުރުމަށްޓަކައި ވޭތުވެދިޔަ 39 އަހަރު ދުވަހުގެ ތެރޭގައި، ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، މަދަނީ ވައިގެ ދަތުރުފަތުރާބެހޭ މުޢާހަދާތަކުގައިވާ ގޮތަށް، އެއަރ ނެވިގޭޝަން އެންޑް އެއިރޮޑްރޯމްސްގެ ދާއިރާއިން ހަދަންޖެހޭ ގަވާއިދުތައް ހައްދަވައި، އެ މުޢާހަދާތަކުގެ ދަށުން ރާއްޖެއިން ކުރަންޖެހޭ ކަންތައް ކުރައްވައެވެ. އަދި ރާއްޖެއާއި ބޭރުގެ ފަރާތްތަކާ ގުޅިގެން އެއަރ ނެވިގޭޝަން އެންޑް އެއިރޮޑްރޯމްސްގެ ދާއިރާއިން ހިންގާ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ވިލަރެސް ކުރައްވަމުން ގެންދަވައެވެ.

މީގެއިތުރުން، ފާޠިމަތު ރާމިޒާ ވަނީ ދިވެހިރާއްޖޭގައި ފުރަތަމަ ސެޓިފައި ކުރެވުނު އެއަރޕޯޓު ކަމުގައިވާ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެޓިފިކޭޝަން ޓީމުގެ ލީޑް އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ހުޅުވުނު ގިނަ އެއަރޕޯޓުތަކުގެ ސެޓިފިކޭޝަން ޓީމުގެ ލީޑް އޮޑިޓަރެއްގެ ގޮތުގައިވެސް ވަނީ މަސައްކަތް ކުރައްވައިފައެވެ.

ފާޠިމަތު ރާމިޒާއަކީ، ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ތަފާތު ގިނަގުނަ މައިދާންތަކުގައި ރާއްޖެ ތަމްސީލު ކުރައްވައިފައިވާ ބޭފުޅެކެވެ.