އަލްފާޟިލް އިސްމާޢީލް ޢަބްދުﷲ
މއ. ރަސްއައިން

އިސްމާޢީލް ޢަބްދުﷲ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 4 ނޮވެންބަރު 1979 ގައެވެ. ކަސްޓަމްސްގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 2 ނަންބަރު ކާތިބެއްގެ ވަޒީފާގައި 12 އޮކްޓޫބަރު 1981 ގައެވެ. ކަސްޓަމްސްގެ ކޭޝިއަރ ކަމާއި، ޗީފް ކޭޝިއަރުކަން ކުރައްވައިފައި ވެއެވެ. އަދި ކަސްޓަމްސްގެ ވަރަށް އިސް މަގާމުތަކެއްވެސް އިސްމާޢީލް ޢަބްދުﷲ ވަނީ ފުރުއްވައިފައެވެ. އެގޮތުން، ޗީފް ކަސްޓަމްސް އޮފިސަރ ކަމުގެ މަގާމާއި، ސުޕްރިންޓެންޑެންޓް ކަމުގެ މަގާމާއި، ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް ކަމުގެ މަގާމާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. ވަޒީފާއިން ވަކިވެވަޑައިގެންފައިވަނީ 5 ނޮވެންބަރު 2018 ގައެވެ.

އިސްމާޢީލް ޢަބްދުﷲ ސަރުކާރަށް ޚިދުމަތް ކުރެއްވި 39 އަހަރުގެ ތެރެއިން، ކަސްޓަމްސްގައި ހޭދަކުރެއްވި 37 އަހަރު ދުވަހުގެ ދިގު މުއްދަތުގެ ތެރޭގައި، ކަސްޓަމްސްގެ ހުރިހާ ސެކްޝަންތަކެއްގައި އެކި ފެންވަރުގައި އިސްމާޢީލް ޢަބްދުﷲ ވަނީ މަސައްކަތް ކުރައްވައިފައެވެ. ޚާއްޞަކޮށް، މެނޭޖްމަންޓާއި ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށްޓަކައި ކޮށްދެއްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. ކަސްޓަމްސްއަކީ ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ބަލަހައްޓަންޖެހޭ ތަނަކަށްވުމުން، ޒިންމާދާރުކަމާއެކު ފައިސާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމުތައް ޤާއިމުކުރުމާއި، އިދާރީ ލިޔެކިޔުންތައް ފޮނުވުމާއި، ބަލައިގަތުމާއި، އަރކައިވްކޮށް ބެލެހެއްޓުމަށް ކަސްޓަމްސްގައި ޤާއިމުކޮށްފައިވާ "ކެޓްސް" ސިސްޓަމްގެ އިސް މޭސްތިރިއެއްގެ ގޮތުން މަސައްކަތް ކުރައްވައިފައި ވެއެވެ.

ކަސްޓަމްސްގެ ޤާނޫނު، 2011 ވަނަ އަހަރު ވުޖޫދުވުމާ ގުޅިގެން، އެ ޤާނޫނާ ގުޅޭގޮތަށް ކަސްޓަމްސްގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވައިލައްވައިގެންނާއި، އެ ޤާނޫނުގެ ދަށުން މުވައްޒަފުންގެ ގަވާއިދުތައް ހައްދަވައިގެން، ކަސްޓަމްސްގެ މުވައްޒަފުންނާބެހޭ ކަންކަން ޤާނޫނީ އޮނިގަނޑަށް ފެއްތެވުމަށްޓަކައި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ އިސްވެރިއެއްގެ ގޮތުން މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

އިސްމާޢީލް ޢަބްދުﷲ، ކަސްޓަމްސްގެ ސީނިއަރ މަގާމުތަކުގައި އުޅުއްވިއިރު، ކަސްޓަމްސްގެ ގިނަ ކޮމިޓީތަކެއްގެ ރިޔާސަތު ބަލަހައްޓަވައި، އޮފީހުގެ ކަންކަން ހަރުދަނާ ކުރައްވައި، ކަސްޓަމްސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންގެ ވެލްފެއަރގެ ކަންކަން ހަރުދަނާ ކުރުމަށް އުފެއްދެވި "ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ" އުފެއްދެވުމުގައި، އިސްކޮށް މަސައްކަތް ކުރެއްވުމުގެ އިތުރުން، އެ ސޮސައިޓީގެ ފުރަތަމަ ސީ.އީ.އޯ.ގެ މަގާމުވެސް އަދާކުރެއްވިއެވެ.

އިސްމާޢީލް ޢަބްދުﷲ އަކީ، ކަސްޓަމްސް ރިކްރިއޭޝަން ކްލަބު އުފެއްދެވުމުގައި ހަރަކާތްތެރިވެވަޑައިގެންފައިވާ އަދި އެ ކުލަބުގެ ވައިސް ޗެއަރމަންގެ މަގާމު ދިގު މުއްދަތަކަށް ކުރެއްވި ބޭފުޅެކެވެ.