އަލްފާޟިލް އަޙްމަދު މުޙައްމަދު
އުރަހަ ބ. ހިތާދޫ

އަޙްމަދު މުޙައްމަދު، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، 1 އެޕްރީލް 1979 ގައި ބ.ހިތާދޫ އޮފީހުގެ މަސައްކަތު މީހެއްގެ ވަޒީފާއިންނެވެ. އޭގެފަހުން ހިތާދޫ އޮފީހުގެ ކާތިބުކަމާއި، ސީނިއަރ ކްލާކްކަން ކުރައްވައިފައި ވެއެވެ. ހިތާދޫ ކުޑަކަތީބު ކަމަށް ބަދަލުވެވަޑައިގަތީ، 11 ޖަނަވަރީ 1996 ގައެވެ. އޭގެފަހުން ހިތާދޫ ކަތީބުކަންވެސް ކުރައްވައިފައި ވެއެވެ. އަދި ހިތާދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުކަންވެސް ކުރެއްވިއެވެ. ވަޒީފާއިން ވަކިވެވަޑައިގެންފައިވަނީ، އުމުރުން 55 އަހަރުވުމުން، 27 މޭ 2018 ގައެވެ.

އަޙްމަދު މުޙައްމަދު ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ޚާއްޞަކޮށް، ހިތާދޫގެ ވެރިކަމުގެ މަގާމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. ރަށުން ގޯތި ދޫކުރެއްވުމުގެ މަސައްކަތުގައްޔާއި، ގޯތީގެ ރަޖިސްޓަރީ ހެއްދެވުމުގެ މަސައްކަތުގައްޔާއި، ގޯތީގައި އިމާރާތް ކުރުމުގެ ހުއްދަ ދެއްވުމުގައްޔާއި، ރުއްގަސް ކެނޑުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުޢާމަލާތުތަކުގައި އަޙްމަދު މުޙައްމަދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ރަށަށް އަރުވައިލާ މީހުންގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓެވުމާއި، މުދަލު ޒަކާތާއި، ފިޠުރު ޒަކާތް، އޭގެ ޙައްޤުވެރިންނަށް ހަވާލުކުރެއްވުމުގެ މަސައްކަތުގައްޔާއި، މަސް ރިޕޯޓް ފޮނުވުމުގެ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ. އަދި ރަށުއޮފީހުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ އެކިއެކި ލިޔުންތައް ލިޔުއްވައި، ފޮނުއްވުމާއި، ގޯތިގޯއްޗާބެހޭ ރަޖިސްޓަރީ ބެލެހެއްޓެވުމާއި، އޮފީހުގެ ޕްރޮކިއުމަންޓާބެހޭ އެންމެހައި ކަންތައްވެސް އަޙްމަދު މުޙައްމަދު ބަލަހައްޓަވައިފައި ވެއެވެ.

އަޙްމަދު މުޙައްމަދަކީ، މަދްރަސީ ދައުރުން ފެށިގެން މިއަދާ ހަމަޔަށްވެސް ޖަމާޢަތްތެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި 1982 ވަނަ އަހަރުން ފެށިގެން އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.