އަލްފާޟިލާ ފާޠިމަތު ޝަފީޤާ
ދިގަލި ބ. އޭދަފުށި

ފާޠިމަތު ޝަފީޤާ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 6 މޭ 1982 ގައި ކ.އަތޮޅުއޮފީހުގެ 2 ނަންބަރު ކާތިބާކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން ނޯދަން ރީޖަނަލް އޮފީހުގެ 2 ނަންބަރު ކާތިބާ ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީކަން ކުރެއްވިއެވެ. 3 މާރިޗު 1996 ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒް ގައެވެ. އެ މިނިސްޓްރީގެ ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީކަން ކުރައްވައިފައި ވެއެވެ. 1 ފެބުރުވަރީ 2009ން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ވަޒީފާއެވެ.

ފާޠިމަތު ޝަފީޤާ، މައިގަނޑު ގޮތެއްގައި ކުރައްވައިފައިވަނީ އިދާރީ ހިންގުމާބެހޭ މަސައްކަތްތަކެވެ. މިގޮތުން، އެކިއެކި ކަންކަމާ ގުޅިގެން މިނިސްޓްރީއަށް ލިބޭ ހުރިހާ ލިޔެކިޔުންތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރެއްވުމާއި، އެކި ކަންކަމުގައި މިނިސްޓްރީއަށް އަންނަ ޢާންމު މީހުންނާ ބައްދަލުކުރައްވައި، އެމީހުން ބޭނުންވާ ޚިދުމަތްތައް ދެއްވުމާއި، އެކި ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުން ހިމެނެއެވެ. މީގެއިތުރުން، މިނިސްޓްރީއަށް ދިމާވާ ކުއްލި ކަންކަމާ ގުޅިގެން ހުރިހާ މުވައްޒަފުން ޝާމިލުވެގެން މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވެދެއްވުމާއި، ޤައުމީ ފެންވަރުގައި ފާހަގަކުރައްވާ އެކިއެކި ރަސްމިއްޔާތުތަކާއި ޖަލްސާތަކުގެ ތެރެއިން މިނިސްޓްރީން ފާހަގަކުރާ މުނާސަބަތުތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި މުހިންމު ދައުރެއް ޝަފީޤާ އަދާކުރައްވަމުން ގެންދަވައެވެ.