އަލްފާޟިލާ ޚަދީޖާ އަބޫބަކުރު
ހުދުފިނިފެންމާގެ ހއ. ދިއްދޫ

ޚަދީޖާ އަބޫބަކުރު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 22 އެޕްރީލް 1981 ގައެވެ. އޭރުގެ މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ދަށުން ހިނގަމުންދިޔަ ސަދަން ރީޖަނަލް އޮފީހުގެ ކާތިބާކަމުގެ ވަޒީފާއިން ޚިދުމަތް ފެށްޓެވީއްސުރެ ފެށިގެން 19 ޖުލައި 2006އާ ހަމަޔަށް އެއޮފީހުގެ އެކި މަގާމުތައް ފުރުއްވައިފައި ވެއެވެ. އެގޮތުން، ސީނިއަރ ކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި، ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީކަން ކުރައްވައިފައި ވެއެވެ. 20 ޖުލައި 2006 ގައި މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ސީނިއަރ ސެކްރެޓަރީ ކަމަށް ޚަދީޖާ އަބޫބަކުރު ބަދަލުކުރެއްވިއެވެ.

2008 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ސަރުކާރު ބަދަލުވުމާ ގުޅިގެން، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އުވައިލައްވައި، އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރެއިން، ބައެއް މަސައްކަތްތައް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށަށް ބަދަލުކުރެއްވުމާ ގުޅިގެން، ޚަދީޖާ އަބޫބަކުރު ބަދަލުކުރެއްވީ، ހޯމް މިނިސްޓްރީއަށެވެ. އެ މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމަށް ބަދަލުކުރައްވައިފައި ވަނީ 1 ފެބުރުވަރީ 2009 ގައެވެ.

ޚަދީޖާ އަބޫބަކުރު، ސަރުކާރުގައި މި ހޭދަކުރެއްވި މުއްދަތުގައި ކުރެއްވި ބައެއް ކަންކަމުގެ ތެރެއިން އަތޮޅުވެރިންގެ ބައްދަލުވުންތައް އިންތިޒާމު ކުރެއްވުމުގައި އަދާކުރެއްވި ދައުރު ފާހަގަކޮށްލަން ޖެހެއެވެ. އަދި މިހާރު ޚަދީޖާ އަބޫބަކުރަކީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި، ރައްޔިތުންނާ ގާތުން ޚިދުމަތް ދެއްވައި އަދި ރައްޔިތުން ހުށަހަޅާ ޝަކުވާތަކުގެ އަޑުއައްސަވައި، ރައްޔިތުންނަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވަމުން ގެންދަވާ ބޭފުޅެކެވެ.