އަލްފާޟިލާ މުފީދާ އިބްރާހީމް
މުޝްތަރީގެ ފ. މަގޫދޫ

މުފީދާ އިބްރާހީމް، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، 3 އެޕްރީލް 1982 ގައި، ފ.އަތޮޅު ހެލްތު ސެންޓަރުގެ މަސައްކަތު މީހެއްގެ ވަޒީފާއިންނެވެ. އޭގެކުރިން އަތޮޅު ބަޖެޓުން މުސާރަ ދެއްވާގޮތަށް ވަގުތީ މަސައްކަތު މީހެއްގެ ވަޒީފާގައި އެތާނގައި އުޅުއްވިއެވެ. މިހާރު މުފީދާ ހުންނެވީ، ފ.މަގޫދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތު މީހެއްގެ ވަޒީފާގައެވެ. އެއް މަސައްކަތެއްގައި މިހާ ގިނަދުވަހު މުފީދާ ޚިދުމަތް ކުރައްވައިފައިވަނީ، މުފީދާގެ ހިތްޕުޅުގައި ސަރުކާރަށް، ޚާއްޞަކޮށް މަގޫދޫ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ޝައުޤުވެރިކަން އޮތްލެއް ބޮޑުކަމުންނެވެ.

ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ އަގު، މިއަދުގެ ސަރުކާރުން ވަޒަން ކުރައްވަން ނިންމެވިކަން އެއީ، ސަރުކާރުން ނިންމެވި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މުފީދާ ދެކެވަޑައިގަންނަވައެވެ. މިފަދަ ޝަރަފެއް ލިބިވަޑައިގެންފައިވާނެ ކަމަކަށް މުފީދާ އެއްގޮތަކަށްވެސް ހީފުޅުކުރައްވައިފައެއް ނުވެއެވެ. އެހެންނަމަވެސް، ސަރުކާރުން މި އިނާމަށް ހުށަހެޅުމަށް އިޢުލާނު ކުރެއްވުމާ ގުޅިގެން، އަމިއްލަފުޅު ޝައުޤުވެރިކަމާއެކު، މި އިނާމަށް ނަން ހުށަހެޅުއްވުމުން، މުފީދާގެ ޚިދުމަތުގެ އަގު ދައުލަތުން ވަޒަންކުރެއްވިކަން އެއީ މުފީދާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެކެވެ. ހަމައެއާއެކު، މުފީދާގެ ޢާއިލާއަށްވެސް ލިބުނު އާދަޔާ ޚިލާފު އުފަލެއްވެސް މެއެވެ.

މަހަކު ތިރީސް ރުފިޔާގެ މުސާރައިގައި، މުފީދާ މަގުދޫ ޞިއްޙީ މަރުކަޒާ ގުޅިވަޑައިގެންނެވިއިރު، އެ މަރުކަޒުގައި އޭރު މަސައްކަތް ކުރައްވަމުން ގެންދެވީ، އެންމެ ދެ މުވައްޒަފުންނެވެ. މިއަދާ ހަމަޔަށްވެސް މުފީދާ މަގާމުގެ ވާޖިބު އަދާކުރައްވަމުން ގެންދެވީ، ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާ އެކުގައެވެ. ހަވާލުކުރެއްވި ކޮންމެ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރައްވައިގެން، މަރުކަޒުގެ މުވައްޒަފުންގެ ލޯބި މުފީދާ ވަނީ ހޯއްދަވައިފައެވެ. އަދި މަގޫދޫ ޞިއްޙީ މަރުކަޒުން ހިންގަވާ އެކިއެކި ހަރަކާތްތަކުގައިވެސް ޢަމަލީގޮތުން މުފީދާ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.

މުފީދާގެ މިއަދުގެވެސް ޢަޒުމަކީ، ޞިއްޙީ މަރުކަޒުގެ ވަޒީފާގައި ދެމިހުންނަވައިގެން، ވެވަޑައިގެންނެވި ވަރަކުން ރަށަށް ޚިދުމަތްކޮށްދެއްވުމެވެ.