ވޮރަންޓް އޮފިސަރ 4 ޝާހިދު މުޙައްމަދު
ދަޑިމަގު. ގާރޑެންހައުސް ޏ.ފުވައްމުލައް

ވޮރަންޓް އޮފިސަރ 4 ޝާހިދު މުޙައްމަދު، ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުން ވެލްޑިންގ އެންޑް ޝީޓްމެޓަލް ކޯސް ފުރިހަމަކުރެއްވުމަށްފަހު، ޤައުމީ ޚިދުމަތަށް ނުކުމެވަޑައިގެން މަސައްކަތް ފެށްޓެވީ، 1982 މާރިޗު މަހުގެ 23 ވަނަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގައެވެ. އެތަނުގައި ކުރައްވަމުން ގެންދެވި ޚިދުމަތުން ސިފައިންގެ ޚިދުމަތަށް ބަދަލުވީ، 1983 މާރިޗު މަހުގެ 2 ވަނަ ދުވަހުއެވެ. ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ މިހާރު 38 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ޝާހިދު މުޙައްމަދު، ސިފައިންގެ ޚިދުމަތް އިޚްތިޔާރު ކުރެއްވީ، ސިފައިންނަކީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި، އެންމެ އިސް ސަފުގައި ނުކުމެ މަސައްކަތްކުރާ ހިތްވަރުގަދަ ބަޔަކަށްވާތީ، މި ޚިދުމަތާ ގުޅިއްޖެނަމަ، ޤައުމަށް ޚިދުމަތް ކުރުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެތީއެވެ. އެހެންކަމުން، ޚިދުމަތާ ގުޅިވަޑައިގަތުމަށްފަހު، ހަވާލުކުރެވުނު ކޮންމެ މަސައްކަތެއް އަދި އައި ކޮންމެ ކޮމާންޑަކަށް، ފަސްޖެހުމެއްނެތި ޝާހިދުވަނީ ކުރިމަތިލައްވައިފައެވެ. އިޚްލާޞްތެރިކަމާއި، ވަފާތެރިކަމާއި ތެދުވެރިކަންމަތީ ދެމިހުންނަވައިގެން، އެކަމެއް ހާސިލު ކުރުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް، އެންމެ ފުރިހަމައަށް ކުރެއްވުމަކީ ޝާހިދުގެ އެންމެ ބޮޑު އެއް އަމާޒެވެ.

ޝާހިދު މުޙައްމަދުގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޑިފެންސް މިނިސްޓަރުގެ ކޮމަންޑޭޝަން ލެޓަރއާއި، ޗީފް އޮފް ޑިފެންސް ފޯސްގެ ކޮމަންޑޭޝަން ލެޓަރގެ އިތުރުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ކޮމަންޑޭޝަން ލެޓަރ ދެއްވައިފައި ވެއެވެ. މީގެއިތުރުން، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓް މެޑެއްޔާއި، މިނިވަން 50ގެ މެޑެލް ލިބިވަޑައިގެންފައި ވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލަ ހާސިލު ކުރައްވައިފައި ވެއެވެ. އަދި ޚާއްޞަ ޚިދުމަތުގެ ކުލަ، ދެފަހަރަށް ހޯއްދަވައިފައި ވެއެވެ.