ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް
މއ. ވައްމައިޒާންދޮށުގެ

ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފަކީ، 1982ވަނަ އަހަރު ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 39 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެއްވެސް ފޫހިފުޅުކަމެއްނެތި ވަރުގަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް، އެމް.އެން.ޑީ.އެފް.ގެ ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތުގައި، ގިނަ ތަމްރީނު ކޯސްތަކެއް ވަނީ ފުރިހަމަކުރައްވައިފައެވެ. އަދި ސިފައިންގެ އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މިވަގުތު ހުންނެވީ، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓްގެ މަގާމާއި، އޯޑްނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވެ.

ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް ފުރިހަމަކުރައްވައިފައިވާ ކޯސްތަކުގެ ތެރޭގައި، އިންޑިޔާއިން ފުރިހަމަކުރެއްވި ކޯސް އިން ދަ ޑިޓެކްޝަން އައިޑެންޓިފިކޭޝަން އެންޑް ޑިސްޕޯސަލް އޮފް އެކްސްޕްލޯސިވް ޑިވައިސަސް، ސަބް އޮފިސަރސް ކޯސް އިން ފަޔަރ ފައިޓިންގ، އިނގިރޭސިވިލާތުން ފުރިހަމަކުރެއްވި އަދަރ އާރމްސް އެން.ސީ.އޯ ސްކްލިޑް އެޓް އާރމްސް އިންސްޓްރަކްޓަރ ކޯސް، އެމެރިކާއިން ފުރިހަމަކުރެއްވި އެމެރިކަން ލޭންގުއޭޖް ކޯސް، އިންފެންޓްރީ އޮފިސަރ ބޭސިކް ކޯސް، އިންފެންޓްރީ މޯޓަރ ލީޑަސް ކޯސް، ޕާކިސްތާނުން ފުރިހަމަކުރެއްވި އިންފެންޓްރީ ޔަންގ އޮފިސަރސް ކޯސް، އިންފެންޓްރީ މިޑް ކެރިއަރ ކޯސް، ބޭސިކް ސްޓާފް ކޯސް، ކޮމާންޑް އެންޑް ސްޓާފް ކޮލެޖް 2005 އަދި ރާއްޖެއިން ފުރިހަމަކުރެއްވި ސްޕެޝަލް ޓާސްކް ފޯސް، ވީ.ވީ.އައި.ޕީ. ޕްރޮޓެކްޝަން ކޯސް I، ވީ.އައި.ޕީ ޕްރޮޓެކްޝަން އިންސްޓްރަކްޓަރ ކޯސް، އޮފިސަރސް ޑްރިލް ކޯސް ހިމެނެއެވެ.

ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް އަދާކުރައްވައިފައިވާ މަގާމުތަކުގެ ތެރޭގައި، އެއަރޕޯޓް ސެކިއުރިޓީ ޔުނިޓްގެ އޮފިސަރ ކޮމާންޑިންގެ އެހީތެރިޔާގެ މަގާމު، އާރު.އެޗް.ކިޔު. ހުޅުލެ ކޮމާންޑިންގ އޮފިސަރގެ އެހީތެރިޔާގެ މަގާމު، ރެޕިޑް ރިއެކްޝަން ގްރޫޕް 2 ގެ އޮފިސަރ ކޮމާންޑިންގގެ މަގާމު، އޯޑްނަންސް ސަރވިސްގެ ކޮމާންޑަރގެ އެހީތެރިޔާގެ މަގާމު، ސަދަން އޭރިޔާގެ ކޮމާންޑަރުގެ އެހީތެރިޔާގެ މަގާމު، އޯޑްނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރގެ މަގާމު، ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ކޮމާންޑަރގެ މަގާމު، ސާރވިސް ކޯރ ގެ ކޮމާންޑަރގެ މަގާމު، އިންސްޕެކްޓަރ ޖެނެރަލްގެ މަގާމު، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ކޮމާންޑިންގ އޮފިސަރގެ މަގާމު، ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރގެ މަގާމު، އިންޑިއާއަށް ކަނޑައަޅައިފައި ހުންނަ ޑިފެންސް އެޑްވައިޒަރގެ މަގާމު ހިމެނެއެވެ. މީގެއިތުރުން، ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަން، އެމް.އެން.ޑީ.އެފް. ރިޓަޔަރމަންޓް ބޯޑުގެ ވައިސް ޗެއަރމަންކަމާއި، އެ ބޯޑުގެ ޗެއަރމަންކަމާއި، އެމް.އެން.ޑީ.އެފް.ގެ ސޭފްޓީ ބޯޑުގެ ޗެއަރމަންކަމާއި، އެމް.އެން.ޑީ.އެފް. ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.

1988 ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް ކުރެއްވި ހިތްވަރުފުޅުގަދަ މަސައްކަތްޕުޅުތައް ފާހަގަކޮށްލެވެއެވެ. އަދި 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން އިސްނަގައިގެން ކުރި އެންމެހައި މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެ އިތުރުން، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ސާރކް ސަމިޓް ބޭއްވުމަށްޓަކައި ސަރުކާރުން ކުރެއްވި މަސައްކަތްތަކުގައި، މުޙައްމަދު ޝަރީފް އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ ސަބަބުން މިހާތަނަށް ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 މެޑެއްޔާއި، 10 ކުލަ ލިބިވަޑައިގެންފައި ވެއެވެ.

ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓް މެޑެލް އަދި މިނިވަން ފަންސާހުގެ މެޑެލް ހިމެނެއެވެ.

ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، އަޚްލާޤީ ކުލަ (ތިންފަހަރަށް)، ކާމިޔާބުގެ ކުލަ އަދި ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ.