އަލްފާޟިލް މުޙައްމަދު ނިޒާރު
ދަފްތަރު. ނަންބަރު 3611

މުޙައްމަދު ނިޒާރު، 22 ފެބުރުވަރީ 1982ގައި ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެށްޓެވީއްސުރެ ޚިދުމަތް ކުރައްވަމުން ގެންދަވަނީ ކަސްޓަމްސްގައެވެ. އޭގެފަހުން މި ވޭތުވެދިޔަ 39 އަހަރަށްވުރެ ދިގު މުއްދަތުގައި، ކަސްޓަމްސްގެ ތަފާތު ރޭންކްތަކުގައި ވަޒީފާ އަދާކުރައްވައިފައި ވެއެވެ. ފުރަތަމަ އަދާކުރެއްވީ، 2 ނަންބަރު ކާތިބުކަމުގެ ވަޒީފާއެވެ. އޭގެފަހުން އެސިސްޓެންޓް ޕްރިވެންޓިވް އޮފިސަރުކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. އަދި ޗީފް ކަސްޓަމްސް އޮފިސަރުގެ މަގާމާއި، ސުޕްރިންޓެންޓެންޑްގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި، ސީނިއަރ ސުޕްރިންޓެންޑެންޓްގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. މިހާރު ހުންނެވި ޗީފް ސުޕްރިންޓެންޑެންގެ މަގާމާ ހަމަޔަށް ވަޑައިގަތުމުގެ އެންމެބޮޑު ސިއްރަކީ، އިޚްލާޞްތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅެވެ.

މުޙައްމަދު ނިޒާރު ވަނީ ކަސްޓަމްސްގެ ތަފާތު ޑިވިޜަންތަކާއި ސެކްޝަންތައް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވައިފައެވެ. ކަސްޓަމްސްގެ އެކި ސެކްޝަންތައް ހިންގެވުމުގައި، ނިޒާރު މަސައްކަތް ކުރައްވަމުން ގެންދެވީ، މުއައްސަސާގެ ކުރިއެރުމަށް އިސްކަން ދެއްވައިގެންނެވެ. ނަތީޖާއެއްގެ ގޮތުން، ކަސްޓަމްސް އިން ހޮވާ ނަމޫނާ މުވައްޒަފެއްގެ އިނާމު، އެ އިނާމަށް ހޮވިވަޑައިގަންނަވާ ރޭންކުގައި ހުންނެވިއިރު، ވިދިވިދިގެން ތިން އަހަރު ލިބިވަޑައިގެންފައި ވެއެވެ. ކަސްޓަމްސްއިން ހިންގައިފައިވާ މުހިންމު ކަންކަމުގައި، ނިޒާރުވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ކަސްޓަމްސް ރިކްރިއޭޝަން ކްލަބް (ސީ.އާރު.ސީ.)އިން ހިންގާ މުހިންމު ކަންކަމުގައި އިސްނަންގަވައިގެން އެކިއެކި މަސައްކަތްތައް ކޮށްދެއްވައިފައި ވެއެވެ. އަދި ސީ.އާރު.ސީ. އިން ބާއްވަމުންގެންދާ އެންމެބޮޑު މުބާރާތް ކަމަށްވާ ސީ.އާރު.ސީ. ކަޕް ފުޓްބޯޅަ މުބާރާތް، މީގެ 22 އަހަރު ކުރިން ވުޖޫދަށް ގެންނެވުމުގައި، މުޙައްމަދު ނިޒާރު މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

މުޙައްމަދު ނިޒާރުވަނީ ކަސްޓަމްސްގެ އޮޕަރޭޝަން މެނޭޖްމަންޓް ބޯޑުގެ މެންބަރުކަމާއި، ކޮމިޝަނަރ އެޑްވައިޒަރީ ބޯޑު މެންބަރުކަމާއި، ޕްރޮސެކިއުޝަން ކޮމިޓީގެ ޗެއަރމަން ކަމާއި، ޑިސިޕްލިނަރީ ކޮމިޓީގެ ޗެއަރމަންކަންވެސް ކުރައްވައިފައެވެ. ހާސިލު ކުރައްވައިފައިވާ ކުލަތަކުގެ ތެރޭގައި، ދިގު މުއްދަތުގެ ކުލައާއި، އަޚްލާޤީ ކުލައާއި، އިޚްލާޞްތެރިކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ޤާބިލުކަމުގެ ކުލަ ހިމެނެއެވެ. ކަސްޓަމްސްގެ ޚިދުމަތުގެ ރަން ބެޖުވެސް ނިޒާރުވަނީ ހާސިލު ކުރައްވައިފައެވެ.