އަލްއުސްތާޛު މުޙައްމަދު ޢަލީ
ހުޅުމާލެ ކޯޒީލިލީ

ހއ. ތަކަންދުއަށް އުފަންވި އަލްއުސްތާޛު މުޙައްމަދު ޢަލީ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 2 ފެބުރުވަރީ 1982 ގައެވެ. އަލްއުސްތާޛު މުޙައްމަދު ޢަލީ، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 39 އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، މިހާތަނަށް ސަރުކާރުގެ 7 އިދާރާއެއްގައި ވަނީ މަސައްކަތް ކުރައްވައިފައެވެ. އެގޮތުން، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ޕިޔޯނުކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 6 ގެ ޕިޔޯނުކަމާއި، އޯޑިޓް އޮފީހުގެ 2 ނަންބަރު ކާތިބުކަމާއި، އެސިސްޓެންޓް އޮޑިޓް އެކައުންޓެންޓް ކަމާއި، އޮޑިޓް އެކައުންޓެންޓްކަން ކުރައްވައިފައި ވެއެވެ. އޭގެފަހުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ބަޖެޓް އޮފިސަރުކަންވެސް ކުރެއްވިއެވެ. 27 ނޮވެންބަރު 1996 ގައި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ސީނިއަރ ބަޖެޓް އޮފިސަރަކަށް ބަދަލުވެވަޑައިގެންނެވި ހިސާބުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އެ ދާއިރާގައެވެ. އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ސީނިއަރ ބަޖެޓް އެނަލިސްޓް ކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރައްވައިފައި ވެއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިރެކްޓަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި މުޙައްމަދު ޢަލީގެ މަސްއޫލިއްޔަތަކީ، އައުޤާފް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނާއި، ލީގަލް އެންޑް ކޮމްޕްލެއިންސް ޔުނިޓް ވިލަރެސްކޮށް ހިންގައި ބެލެހެއްޓެވުމެވެ.

އަލްއުސްތާޛު މުޙައްމަދު ޢަލީ، ސަރުކާރުގެ އެކި ދާއިރާތަކުގައި ޚިދުމަތް ކުރެއްވިއިރު، ޚާއްޞަކޮށް، ބަޖެޓާއި ފައިސާއާބެހޭ ކަންތައް ބެލެހެއްޓެވިއިރު، އެންމެބޮޑު އިސްކަމެއް ދެއްވީ، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ބޭނުންކުރުމުގެ ޤާނޫނާއި، ގަވާއިދުތަކާ އެއްގޮތަށް ހުރިހާ ކަމެއްވެސް ގެންދެވުމަށެވެ. މުޙައްމަދު ޢަލީއަކީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުނުވެ، އެ ގަވާއިދަށް ފުރިހަމައަށް އިޙްތިރާމު ކުރައްވަމުން ގެންދަވާ އަޚްލާޤު ރަނގަޅު، އަދި މަސައްކަތް ކުރައްވާ އިދާރާގެ މަޤްޞަދާއި ލަނޑުދަނޑިތައް ހާސިލު ކުރެއްވުމުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.

އަލްއުސްތާޛު މުޙައްމަދު ޢަލީއަކީ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ އިމާމުކަންވެސް ގިނަދުވަސްތަކެއް ވަންދެން ކުރައްވައިފައިވާ ބޭފުޅެކެވެ. 1998 ވަނަ އަހަރުން ފެށިގެން އިމާމުވެވަޑައިގެން ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވަމުން ގެންދަވައެވެ. ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓުފޮށީގެ އޮފިޝަލެއްގެ ގޮތުންނާއި، ވެރިޔާގެ ހައިސިއްޔަތުން ގިނަ އަހަރުތަކެއްގައި މަސައްކަތްކޮށްދެއްވި ބޭފުޅެކެވެ. އަދި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން އޮނަރސް ޑިގްރީއާއި، މާސްޓަރޒް ޑިގްރީ ހާސިލު ކުރައްވައިގެން، ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ އަދި ޝަރުޢީ މައުޛޫނުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އުމުރުފުޅުން އެންމެ 15 އަހަރުގައި، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި އަލްއުސްތާޛު މުޙައްމަދު ޢަލީއަކީ ވަޒީފާގެ މަސައްކަތަށާއި ހާޒިރީއަށް ފަރުވާތެރި، ޒިންމާދާރު ބޭފުޅެކެވެ. މުޙައްމަދު ޢަލީއަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައިވަނީ، 2 ފެބުރުވަރީ 2002 ގައެވެ.