އަލްފާޟިލް ޒާހިރު ޝައުޤީ
ހުޅުމާލެ. ފްލެޓް ނަންބަރު 08-3-72

ޒާހިރު ޝައުޤީ، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 39 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ކަސްޓަމްސްގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ 10 ނޮވެންބަރު 1985 ން ފެށިގެންނެވެ. ކަސްޓަމްސް އޮފިސަރަކަށް ބަދަލުވެވަޑައިގަތީ، ޑިޕާޓްމަންޓް އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ ޕޯސްޓާބެހޭ ބައިގެ 2 ނަންބަރު ކާތިބެއްގެ ވަޒީފާއިންނެވެ.

ޒާހިރު ޝައުޤީ، ކަސްޓަމްސްގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އެންމެގިނަ ދުވަހު މަސައްކަތް ކުރައްވައިފައިވަނީ ފައިސާއާބެހޭ ދާއިރާގައެވެ. ކަސްޓަމްސްގެ ފައިސާއާބެހޭ އެންމެހައި ކަންކަން ބެލެހެއްޓެވުމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ވަނީ މަސައްކަތް ކުރައްވައިފައެވެ. ބަޖެޓް އެންޑް ފައިނޭންސް ސެކްޝަންގެ އިތުރުން، ކާގޯ އެގްޒަމިނޭޝަންސް ސެކްޝަންގައްޔާއި، ބޮންޑެޑް ވެއަރހައުސް ސެކްޝަންގައްޔާއި، މާލޭ އެކްސްޕްރެސް ކާގޯ ޕޯސްޓް ސެކްޝަންގައްޔާއި، ހުޅުމާލެ ކަސްޓަމްސްގައްޔާއި، ލ. ގަން އަދި ހދ. ކުޅުދުއްފުށީ ކަސްޓަމްސް އޮފީހުގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ.

ޒާހިރު ޝައުޤީ ފުރުއްވައިފައިވާ މަގާމުތަކާއި، ރޭންކުތަކުގެ ތެރޭގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޭޝިއަރު ކަމާއި، ސީނިއަރ ކޭޝިއަރު ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ޗީފް ކަސްޓަމްސް އޮފިސަރު ކަމާއި، ސުޕްރިންޓެންޑެންޓްކަން ހިމެނެއެވެ.

ޒާހިރު ޝައުޤީ، ޚިދުމަތުގައި މި ހޭދަކުރެއްވި ދިގު މުއްދަތުގެ އަގު، ކަސްޓަމްސްއިން ވަނީ ވަޒަން ކުރައްވައިފައެވެ. މިގޮތުން، ޤާބިލުކަމުގެ ކުލައާއި، އަޚްލާޤީ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލަ، ޒާހިރު ޝައުޤީއަށް ލިބިވަޑައިގެންފައި ވެއެވެ. އަދި ކަސްޓަމްސްއަށް 20 އަހަރު ޚިދުމަތް ކުރެއްވުމާ ގުޅިގެން، ކަސްޓަމްސްގެ ރަން ބެޖުވެސް ލިބިވަޑައިގެންފައި ވެއެވެ.