އަލްފާޟިލް ޙުސައިން ރަޝީދު
ހުޅުމާލެ. ފްލެޓް 01-2-94

ޙުސައިން ރަޝީދަކީ، 7 ނޮވެންބަރު 1981ން ފެށިގެން ކަސްޓަމްސްގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މި ވޭތުވެދިޔަ 39 އަހަރު ދުވަހުގެ ތެރޭގައި، ކަސްޓަމްސްގައި އެކި ރޭންކްތަކުގައި ތަފާތު މަގާމުތައް ޙުސައިން ރަޝީދު ވަނީ ފުރުއްވައިފައެވެ. އެގޮތުން، 2 ނަންބަރު ކާތިބު ކަމާއި، ކަސްޓަމްސް އޮފިސަރު ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ޗީފް ކަސްޓަމްސް އޮފިސަރު ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. މިހާރު ހުންނެވީ ސީނިއަރ ސުޕްރިންޓެންޑެންޓް ކަމުގެ މަގާމުގައެވެ.

ޙުސައިން ރަޝީދު ވަނީ ކަސްޓަމްސްގެ ތަފާތު ސެކްޝަންތަކުގައި މަސައްކަތް ކުރައްވައިފައެވެ. މިގޮތުން، އެއަރ ކާގޯ އެގްޒަމިނޭޝަން ސެކްޝަނާއި، ޕޯޓް އެގްޒަމިނޭޝަން ސެކްޝަނާއި، ތިލަފުށީގައި ހުންނަ ކަސްޓަމްސްގެ އޮފީހުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، އިންވެންޓްރީ މެނޭޖްމަންޓް ސެކްޝަންގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެތެރެއިން، އެންމެ ބުރަކޮށް މަސައްކަތް ކުރައްވައިފައިވަނީ، މާލޭ ކޮމާޝަލް ހާބަރުގައްޔާއި، ތެޔޮބޯޓުފަހަރުތަކުގައެވެ. އަދި ރަށްރަށަށް ގެންދާ މުދާ، އެ ރަށްރަށަށް ބޭލުމަށްޓަކައި ކަސްޓަމްސްއިން ދޭންޖެހޭ ހުއްދަ ދޫކުރެއްވުމުގެ މަސައްކަތްވެސް ޙުސައިން ރަޝީދު ކުރެއްވިއެވެ.

ކަސްޓަމްސްގައި ވަރަށް ފަރުވާތެރިކަމާއި ހީވާގިކަމާއެކު މަސައްކަތް ކުރައްވައިގެން، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާ ތަކެތި އެތެރެވިޔަނުދީ ހުއްޓުވުމުގެ މަސައްކަތް ވަރަށް އިޚްލާޞްތެރިކަމާއެކު ވަނީ ކޮށްދެއްވައިފައެވެ. އަދި އެކަމުގެ އަގު ކަސްޓަމްސްއިން ވަނީ ވަޒަންކުރައްވައިފައެވެ. މީގެއިތުރުން، ޙުސައިން ރަޝީދަށް ވަނީ އަޚްލާޤީ ކުލައާއި، ޤާބިލުކަމުގެ ކުލައާއި، އިޚްލާޞްތެރިކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލަ އަދި ކާމިޔާބުގެ ރަންކުލަވެސް ލިބިވަޑައިގެންފައެވެ.