އަލްފާޟިލް ފަތުޙުﷲ އިދުރީސް
މާޒް ހއ. އުލިގަން

ފަތުޙުﷲ އިދުރީސް، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 36 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. އުލިގަމު ކޯޓުގެ ކާތިބެއްގެ ވަޒީފާއިން ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 25 ޑިސެންބަރު 1980 ގައެވެ. އޭގެފަހުން ފެމިލީ ހެލްތު ވަރކަރ ކޯސް ފުރިހަމަކުރެއްވުމަށްފަހު ޚިދުމަތް ކުރައްވަމުން ގެންދެވީވެސް ޞިއްޙީ ދާއިރާގައެވެ.

ފަތުޙުﷲ އިދުރީސް، ފެމިލީ ހެލްތު އޮފިސަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެން ރަށުގައި ޞިއްޙީ މަރުކަޒެއް ޤާއިމުކުރުމާ ހަމަޔަށް ރަށުގެ ޞިއްޙީ ހުރިހާ ކަމެއް ބަލަހައްޓަވަމުން ގެންދެވިއެވެ. ވަޒީފާގެ މަސައްކަތް ފެށްޓެވީ އިތުރު އެއްވެސް އެހީތެރިއެއްގެ މަދަދެއް ނެތިއެވެ. ކުޑަކުދިންނަށް ވެކްސިން ދިނުމާއި، ކުދިންގެ ބަރުދަން ބެލުމާއި، ތަފާތު ބަލިތަކުގެ ބަލިމީހުން ބައްލަވައި، ފަރުވާދެއްވަމުން ގެންދެވީ، ރަށުއޮފީހުގައި ޚިދުމަތް ދިނުމަށް އޭރު ޤާއިމުކޮށްފައިވާ ކުޑަ ކޮޓަރިއެއްގައި، މަދު ވަސީލަތަކާ އެކުގައެވެ. އެ ދުވަސްވަރު ރަށްރަށުގައި ވެކްސިން ދެވޭނެގޮތެއް ނެތުމާއެކު، އަތޮޅުގެ ރަށްރަށަށް ޒިޔާރަތް ކުރައްވައި، އެ ރަށްރަށުގެ ކުޑަކުދިންނަށް ވެކްސިން ދެއްވުމުގައިވެސް ފަތުޙުﷲ ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ. އުލިގަމު ބަނދަރަށް ބޭރުން އަންނަ ވަރަށްގިނަ އުޅަނދުފަހަރަށް ޕޯޓް ހެލްތުގެ ޚިދުމަތްވެސް ފަތުޙުﷲ ދެއްވައިފައި ވެއެވެ. ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފެށުނުފަހުން މިއަދާ ހަމަޔަށް، ރަށުގެ ޢާންމު ޞިއްޙަތާބެހޭ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވަނީ ފަތުޙުﷲ އިދުރީހެވެ.

ރަށުގެ ޢާންމު ޞިއްޙަތު ކުރިއެރުވުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ފަތުޙުﷲ އިދުރީސް ވަނީ ހިންގަވައިފައެވެ. މިގޮތުން، ފެމިލީ ޕްލޭނިންގ ޕްރޮގްރާމްތަކާއި، މައިންނާއި ޅަދަރިންގެ ޞިއްޙަތާބެހޭ ޕްރޮގްރާމްތަކާއި، ތެލަސީމިއާއަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަވައިފައި ވެއެވެ. އަދި ފައިލޭރިއާއާއި، މެލޭރިއާއި، ޓީ.ބީ.އާއި، ލެޕްރަސީާއާ ބެހޭގޮތުން ހޭލުންތެރިކުރުވުމަށް ތަފާތު ގިނަ ޕްރޮގްރާމްތައްވެސް ވަނީ ހިންގަވައިދެއްވައިފައެވެ. މީގެއިތުރުން، ރަށުގައި ފެތުރޭ އެކިއެކި ރޯގާތައް ކޮންޓްރޯލް ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. 2007ވަނަ އަހަރު އުލިގަމު ޕޯޓަށް ރަސްމީގޮތުން މުވައްޒަފަކު ހަމަޖެހުމާ ހަމަޔަށް، އެ ބަނދަރުގައި ޕޯޓް ހެލްތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ބެލެހެއްޓެވީވެސް ފަތުޙުﷲ އެވެ. އަދި އުލިގަމު ހެލުތު ޕޯސްޓް، ހެލްތު ސެންޓަރަކަށް ބަދަލުކުރުމުގެ މަސައްކަތްތަކުގައިވެސް ފަތުޙުﷲ ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.