އަލްފާޟިލާ ޙަފީޡާ އާދަމް
ބެންމާ ލ. ދަނބިދޫ

އަލްފާޟިލާ ޙަފީޡާ އާދަމް، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، 12 ސެޕްޓެންބަރު 1979 ގައެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ، ލ.އިސްދޫކަލައިދޫ ކޯޓުގެ ކާތިބާއެއްގެ ވަޒީފާއެވެ. އެ މަގާމުގައި ހުންނެވިއިރު ކުރެއްވި މައިގަނޑު މަސައްކަތަކީ، އެ ކޯޓުގައި ހިންގާ އެކިއެކި ޝަރީޢަތްތަކުގެ އިދާރީ މަސައްކަތްތައް ކުރެއްވުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިޔުއްވުމެވެ. މީގެއިތުރުން، ކައިވެންޏާއި ވަރީގެ ސެޓްފިކެޓުތައް ހެއްދެވުމުގެ މަސައްކަތްތައްވެސް ކުރެއްވިއެވެ. އަދި އެދުވަސްވަރު، ލ.އިސްދޫކަލައިދޫގައި، ލިޔަންކިޔަން ނުދަންނަ މީހުންނަށް އަސާސީ ތަޢުލީމުގެ ކިލާސްތައް ނަންގަވައިދެއްވުމުގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވިއެވެ.

އެއަށްފަހު، 27 މޭ 1984 ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ، ލ.ދަނބިދޫ އޮފީހުގައެވެ. އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު 7 ޖުލައި 2020 ގައި ޙަފީޡާ ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ދަނބިދޫ ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.

ދަނބިދޫ އޮފީހުގައްޔާއި، ދަނބިދޫ ކައުންސިލްގެ އިދާރާގައި މައިގަނޑު ގޮތެއްގައި ޙަފީޡާ ކުރެއްވީ އިދާރީ މަސައްކަތްތަކެވެ. އެގޮތުން، މުވައްޒަފުންގެ ރަޖިސްޓްރީއާއި ހާޒިރީއާއި، ޗުއްޓީގެ ރެކޯޑުތައް ބެލެހެއްޓެވުމާއި، ޔައުމިއްޔާ ލިޔުއްވުމާއި، މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓެވުމާއި، ލިޔެކިޔުމުގެ ސްޓޮކް ބެލެހެއްޓެވުމާއި، ޕްރޮކިއުމަންޓްގެ މަސައްކަތްތަކާއި، ވިހާމަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި، އޮފީހުން ރާއްވަވައި ހިންގަވާ އެކިއެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ޙަފީޡާ ބައިވެރިވެވަޑައިގަންނަވައެވެ.

ހަމައެއާއެކު، ޙަފީޡާ އާދަމަކީ، ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ސެކްރެޓެރީގެ ގޮތުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.