އަލްފާޟިލް މުޙައްމަދު މުޚްތާރު
އިލާ ހއ. ހޯރަފުށި

މުޙައްމަދު މުޚްތާރަކީ، ތަޢުލީމީ ދާއިރާގައި ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް، ހޯރަފުށީގައި ތަޢުލީމާބެހޭ ކަންކަން ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށްޓަކައި ކުރައްވައިފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ. 22 ފެބުރުވަރީ 1981 ގައި ރާއްޖެތެރޭގެ މަދަރުސާ މަކުތަބުތަކުގެ މުދައްރިސެއްގެ މަގާމުން ޚިދުމަތް ފަށްޓަވައި، 11 މާރިޗު 2021 ގައި ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރަށުގެ ތަޢުލީމަށް ވަނީ ޚިދުމަތް ކޮށްދެއްވައިފައެވެ. ފުރުއްވައިފައިވާ އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުކަމާއި، ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތާނގެ އެސިސްޓެންޓް ހެޑްމާސްޓަރކަމާއި، ހއ. އަތޮޅު މަދަރުސާގެ ޑެޕިއުޓީ ޕްރިންސިޕަލްކަމާއި، ޑެޕިއުޓީ ޕްރިންސިޕަލް އެޑްމިނިސްޓްރޭޝަންކަމާއި، ސްކޫލް އެޑްމިނިސްޓްރޭޓަރކަން ހިމެނެއެވެ.

މުޙައްމަދު މުޚްތާރުގެ ޚިދުމަތްތަކުގެ ތެރެއިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ، މުދައްރިސެއްގެ ގޮތުން ކޮށްދެއްވި ޚިދުމަތްތަކެވެ. މިގޮތުން، ހއ. އަތޮޅު މަދަރުސާގެ ޕްރައިމަރީ އަދި މިޑްލް ސްކޫލްގެ ގްރޭޑްތަކަށް ކިޔަވައިދެއްވުމާއި، ސެކަންޑަރީ ގްރޭޑްތަކަށާއި، ހަޔަރ ސެކަންޑަރީ ގްރޭޑްތަކަށް ކިޔަވައިދެއްވުމާއި، ސްކޫލްގައި ކުރިއަށް ގެންދެވުނު ޚާއްޞަ ކްލާސްތަކުގެ މުދައްރިސެއްގެ ގޮތުން ކިޔަވައިދެއްވުމާއި، އަސާސީ ތަޢުލީމުގެ ކްލާސްތަކަށް ކިޔަވައިދެއްވުން ހިމެނެއެވެ.

ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ ޖަމުޢިއްޔާ "އަދަބީ ޙަރަކާތް" އާއި "ދީނީ ރޫޙު" އަދި އަތޮޅު މަދަރުސާގައި ހަތަރު ހައުސް އުފެއްދެވުމުގައްޔާއި، ގާރލްގައިޑާއި ސްކައުޓް އަދި ކެޑޭޓާއި، ސްކޫލް ބޭންޑް ތަޢާރުފު ކުރައްވައި ހިންގެވުމުގައިވެސް މުޙައްމަދު މުޚުތާރު އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

ހއ. އަތޮޅު މަދަރުސާގެ އިދާރީ ހިންގުމާބެހޭ ކަންތައް، މުޙައްމަދު މުޚްތާރު ކުރައްވަމުން ގެންދެވިއިރު، ސްކޫލް ބަޖެޓާ ގުޅޭ އެންމެހައި މަސައްކަތްތަކާއި، ޕްރޮކިޔުމަންޓާއި، ސްކޫލް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައްވެސް ދިގު މުއްދަތެއްގައި ކުރައްވައިފައިވެއެވެ.

މުޙައްމަދު މުޚްތާރަކީ، ގިނަ އަހަރުތަކެއްގައި ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުކަމާއި، އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ރަށުގައްޔާއި، އަތޮޅުގައި ކުރަންޖެހުނު ބައެއް ކަންކަމުގައި ހިލޭސާބަހަށްވެސް ގިނަ މަސައްކަތްތަކެއް މުޚްތާރު ވަނީ ކޮށްދެއްވައިފައެވެ. ހަމައެއާއެކު، ރަށުގެ ތަރައްޤީއަށްޓަކައި ކުރާ ކޮންމެ މަސައްކަތެއްގައިވެސް މުޚުތާރުވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އެހީތެރިވެވަޑައިގެން ދެއްވައިފައެވެ. އަދި ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރައްވައި ތަރައްޤީ ކުރެއްވުމަށް ޒުވާނުންގެ ޖަމުޢިއްޔާއެއް އުފައްދަވައިގެން، ތަފާތު ގިނަ ހަރަކާތްތައް ހިންގަވައިފައި ވެއެވެ.