އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ
ފިނިހިޔާ ތ. ހިރިލަންދޫ

ޢަބްދުއްސައްތާރު މޫސާ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1981ވަނަ އަހަރުގެ ޖޫން މަހުގެ 24ވަނަ ދުވަހުއެވެ. ފުރަތަމަ އަދާކުރެއްވީ، ހިރިލަންދޫ ކޯޓުގެ ކާތިބުކަމުގެ ވަޒީފާއެވެ. އޭގެފަހުން، ކޯޓުގެ ކުލާކް ކަމާއި، ސީނިއަރ ކުލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ކުރައްވައިފައި ވެއެވެ. ކޯޓުގެ ވަޒީފާގައި ޚިދުމަތް ކުރެއްވިއިރު، ކޯޓުގެ އިދާރީ ހުރިހާ މަސައްކަތްތަކެއް ކުރެއްވިއެވެ. އެއަށްފަހު، ހިރިލަންދޫ ކަތީބުކަމަށް ބަދަލުވެވަޑައިގަތެވެ.

ހިރިލަންދޫ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ޢަބްދުއްސައްތާރު މޫސާ ވަނީ ކުރައްވައިފައެވެ. އަދި ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އަސާސީ ކަންކަމަކީ ކޮބައިތޯ ބައްލަވައި، ރަށުގެ ރައްޔިތުންނާއި ރަށް ކުރިއަރުވާ ކޮމިޓީއާ މަޝްވަރާ ކުރައްވައިގެން، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ރައްޔިތުންގެ ނަމުގައި ހިންގަމުން ގެންދިޔަ ހިރިލަންދޫ މަދަރުސާ މެދުނުކެނޑި ހިންގަމުންގެންދާތާ 50 އަހަރު ވެފައިވާތީ، އެކަމާ ގުޅޭ ލިޔުންތައް ހޯއްދަވައި، ތަފްޞީލު ރިޕޯޓު އެކުލަވައިލައްވައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ ރިޕޯޓު ހުށަހަޅުއްވައިގެން، ހިރިލަންދޫ މަދަރުސާ، ސަރުކާރުގެ ސްކޫލަކަށް ބަދަލުވަންދެން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރެއްވުމުގައި، ޢަބްދުއްސައްތާރު މޫސާ ވަރަށް އިސް ދައުރެއް އަދާކުރެއްވިއެވެ. ރަށުއޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ދުވަސްވަރު، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންތައްތައް ޙައްލުކުރެއްވުމުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިގޮތުން، ރަށުގައި ޑޮކްޓަރެއްގެ ޚިދުމަތް ލިބެންނެތްއިރު، ރައްޔިތުންގެ ނަމުގައި ރަށަށް ޑޮކްޓަރަކު ގެންނަވައިގެން ޚިދުމަތް ދެއްވުމަށް ކުރައްވައިފައިވާ މަސައްކަތްތަކާއި، ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރެއްވުމަށް ކޮށްދެއްވައިފައިވާ މަސައްކަތްތައް ފާހަގަކުރެވެއެވެ.

ޢަބްދުއްސައްތާރު މޫސާ، ހިރިލަންދޫ ކަތީބުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު، 2003 ވަނަ އަހަރުގެ ނިޔަލަށް އަތޮޅު ކޮމިޓީގެ މެންބަރުކަމާއި، ހިރިލަންދޫ ސްކޫލްގެ ނާޒިރުކަންވެސް ކުރައްވައިފައި ވެއެވެ.

ޢަބްދުއްސައްތާރު މޫސާއަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގަތީ، 24 ޖޫން 2001 ގައެވެ. ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 40 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.