އަލްފާޟިލް ޢަލީ ޝަމީމް
ތެވެލި ގދ. ތިނަދޫ

ޢަލީ ޝަމީމަކީ، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ސަރުކާރަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ، 12 ފެބުރުވަރީ 1970 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޓީ.ބީ. ކްލިނިކުގެ 1 ނަންބަރު ކާތިބުކަމުގެ ވަޒީފާއެވެ. އޭގެފަހުން ސަރުކާރު ބޮޑު އިސްޓޯރުގެ ފައިސާ ބަލަހައްޓާ 2 ނަންބަރު ކާތިބު ކަމާއި، އައި.ސީ.ޕީ. ބެންކޮކް ކުންފުނިން ރޯ ފަރުމަސް ގަންނަ ބޯޓުފަހަރުގެ ޚަޒާންދާރުގެ އެހީތެރިޔާ ކަމާއި، ޑިޕާޓްމަންޓް އޮފް ޓޫރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓްގެ ބޯޓުގައި ތިބޭ ދިވެހި އޮފިޝަލްކަމާއި، އައި.ސީ.ޕީ. ޕްރޮޖެކްޓްގެ ގަވަރންމަންޓް އޮފިޝަލް ކަމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ސެކްރެޓެރީކަން ކުރައްވައިފައި ވެއެވެ.

ޢަލީ ޝަމީމް އުފަން ރަށް ކަމުގައިވާ ގދ. ތިނަދުއަށް، ގދ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމަށް ބަދަލުކުރެއްވީ، 17 ޖުލައި 1983 ގައެވެ. އޭގެފަހުން، ގދ. އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމާއި، ތިނަދޫ ކަތީބު ކަމާއި، ގދ. އަތޮޅުއޮފީހުގެ އެހީތެރިޔާ ކަމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަންވެސް ކުރައްވައިފައި ވެއެވެ. ވަޒީފާއިން ރިޓަޔަރ ކުރައްވައިފައިވަނީ، 8 އޮގަސްޓު 2010 ގައެވެ. އޭރު ހުންނެވީ، ގދ. ތިނަދޫ ކަތީބު ކަމުގެ މަގާމުގައެވެ.

ޢަލީ ޝަމީމަކީ، ގދ. އަތޮޅަށް ޚާއްޞަކޮށް، ގދ. ތިނަދުއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ވެރިކަމުގެ މަގާމުގައި ހުންނަވައިގެން، އަތޮޅާއި ރަށުގެ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައި ވެއެވެ. އެގޮތުން، ތިނަދޫގެ އަރބަން ޕްލޭނާ އެއްގޮތަށް މަގުތައް ހެދުމުގެ މަސައްކަތާއި، ބިންބިމާއި ގޯތި ދޫކޮށް، އިންވަކިކޮށް ގޯތިތައް ހަވާލުކުރުމުގެ ބުރަ މަސައްކަތް، ކަތީބު ކަމުގައި ޢަލީ ޝަމީމް ހުންނަވައިގެން ވަނީ ވަރަށް ފުރިހަމައަށް ކޮށްދެއްވައިފައެވެ.

ޢަލީ ޝަމީމަކީ، އަތޮޅުވެރިޔާ ރަށުގައި ވަޑައިގެން ނޫޅުއްވާ ހިނދެއްގައި އަތޮޅުއޮފީސް ވަގުތީގޮތުން ހިންގަވައިފައިވާ ބޭފުޅެއްވެސްމެއެވެ. އަތޮޅުއޮފީހުގައި މަސައްކަތް ކުރެއްވިއިރު، މައިގަނޑު ގޮތެއްގައި ބަލަހައްޓަވައިފައިވަނީ ފައިސާއާބެހޭ ބައެވެ. ފައިނޭންޝަލް ސެކްޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުން، ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި ކޮންމެ ތިން މަހަކުން އެއްފަހަރު، އަތޮޅުގެ އެހެން ރަށްރަށަށް ވަޑައިގެން، އެ ރަށްރަށުގެ ފައިސާއާބެހޭ ލިޔެކިޔުންތައް ބަލަހައްޓަވަމުން ގެންދަވަނީ، ސަރުކާރުގެ ފައިސާއާބެހޭ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްތޯ ބައްލަވައި، ކަމާބެހޭ މުވައްޒަފުންނަށް މަޢުލޫމާތާއި އިރުޝާދު ދެއްވަމުން ގެންދެވިއެވެ. މީގެއިތުރުން، ރަށްރަށުގައި ނުނިމިހުރި މައްސަލަތައް ބައްލަވައި، ރަށް ކުރިއަރުވާ ކޮމިޓީއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބައްލަވައި، ކަމާބެހޭ އިރުޝާދުވެސް ދެއްވަމުން ގެންދަވައިފައި ވެއެވެ.