ސްޓާފް ސާރޖަންޓް މުޙައްމަދު ޙަނީފް
ދަފްތަރު. ނަންބަރު ރސ 0397

ސްޓާފް ސާރޖަންޓް މުޙައްމަދު ޙަނީފް، އެމް.އެން.ޑީ.އެފް. ގައި މިހާތަނަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މުޙައްމަދު ޙަނީފަކީ، ވަގުތަށް ކަމޭހިއްތަވައިގެން، ޙަވާލުކުރެވޭ ކޮންމެ ކަމެއްވެސް ޤާބިލުކަމާއި ތެދުވެރިކަމާއެކު ކުރައްވަމުން ގެންދަވާ ޚިދުމަތްތެރިއެކެވެ.

ސްޓާފް ސާރޖަންޓް މުޙައްމަދު ޙަނީފް، މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ފާހަގަކުރެވޭ ޚިދުމަތްތަކުގެ ތެރޭގައި، 2012 ވަނަ އަހަރުގެ ނަޞްރުގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން، އެމް.އެން.ޑީ.އެފް. އިން ޤާއިމުކުރި ނޮވެންބަރު 3 ގެ ހަނދާނީ ބިނާ ހުޅުވުމުގެ ރަސްމިއްޔާތާ ގުޅޭ އެންމެހައި މަސައްކަތްތަކުގައްޔާއި، ޖުމްހޫރީ މައިދާނުގައި ބޭއްވުނު ޚާއްޞަ އިޙްތިފާލާ ގުޅިގެން ކުއާޓަރ މާސްޓަރގެ ފަރާތުން ކުރި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ.

ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތައް ފާހަގަކުރައްވައި، އެ މުއައްސަސާއިން ދެއްވާ ޝަރަފުގެ ނިޝާނުގެ ތެރެއިން 6 މެޑެއްޔާއި 7 ކުލަ މުޙައްމަދު ޙަނީފަށް މިހާތަނަށް ލިބިވަޑައިގެންފައިވެއެވެ.

ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓުގެ މެޑެއްޔާއި، މިނިވަން 50 ގެ މެޑެލް ހިމެނެއެވެ. ކުލަތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ، ތިންފަހަރަށް ލިބިވަޑައިގެންފައިވެއެވެ.