އަލްފާޟިލް އަޙްމަދު ނިޒާރު
ވ. ނާރޯޒު

އަޙްމަދު ނިޒާރު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. އަޙްމަދު ނިޒާރަކީ، 1 ޖަނަވަރީ 1980 ގައި ކްލާކެއްގެ ވަޒީފާގައި އޯޑިޓް އޮފީހާ ގުޅިވަޑައިގެންނެވި އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ވަޒީފާގެ އެކި ހަރުފަތްތައް ވަނީ ގިރާކުރައްވައިފައެވެ. އެގޮތުން، އެސިސްޓެންޓް އެކައުންޓެންޓް ކަމާއި، އޮފީސް އެސިސްޓެންޓް ކަމާއި، އޯޑިޓް އެކައުންޓެންޓް ކަމާއި، ސީނިއަރ އޯޑިޓް އެކައުންޓެންޓް ކަމާއި، އެސިސްޓެންޓް އޮޑިޓަރ ކަމާއި، އޮޑިޓަރ ކަމާއި، ޑެޕިއުޓީ ޑައިރެކްޓަރ އޮފް އޯޑިޓް ކަމާއި، ޑައިރެކްޓަރ އޮފް އޯޑިޓް ކަމާއި، އަދި ޑައިރެކްޓަރ ޖެނެރަލް އޮފް އޯޑިޓްކަން ކުރައްވައިފައި ވެއެވެ. 2011 ވަނަ އަހަރު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮނިގަނޑަށް ގެންނެވި ބަދަލާ ގުޅިގެން، އޮޑިޓަރ ޖެނެރެލް ބިއުރޯގެ މެނޭޖަރު ކަމަށް އަޙްމަދު ނިޒާރު ބަދަލުކުރެއްވިއެވެ. މިއަދާ ހަމަޔަށްވެސް ދެމިހުންނެވީ އެ މަގާމުގައެވެ.

އޯޑިޓް އޮފީހުގައި ވެރިކަން ކުރެއްވި ހުރިހާ ވެރިންގެ އަރިހުގައިވެސް މަޤްބޫލު އަދި އެބޭފުޅުންގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި އެއް ބޭފުޅެއްގެ ހައިސިއްޔަތުން އަޙްމަދު ނިޒާރު ވަނީ ފާހަގަކޮށްލެވޭފަދަ ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވައި، އީޖާދީ ކަންކަން އޮފީހަށް ތަޢާރުފް ކޮށްދެއްވައިފައެވެ. އަދި، އޮފީހުގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ގިނަ ކަންތައްތަކެއް، ނިޒާރު އިސްނަންގަވައިގެން ވަނީ ކުރައްވައިފައެވެ.

އަޙްމަދު ނިޒާރު ވަނީ ވަޒީފާގައި ހުންނަވައިގެން އެކައުންޓިންގ ސެޓްފިކެޓާއި، އެޑްވާންސްޑް އެކައުންޓް ސެޓްފިކެޓް (CAT) ސްޓޭޖް 2 އާ ހަމަޔަށް ފުރިހަމަ ކުރައްވައިފައެވެ. މީގެއިތުރުން، އެ މަސައްކަތާ ގުޅުންހުރި ދާއިރާތަކުން އެކި ތަމްރީނުތައް ފުރިހަމަކުރައްވައި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވުނު މަސައްކަތު ބައްދަލުވުންތަކާއި ސެމިނާރުތަކުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަޙްމަދު ނިޒާރަކީ، އޯޑިޓް އޮފީހުގައި ކުރެވުނު މުހިންމު ގިނަ އޮޑިޓްތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ދިރާގާއި، މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ އުފެއްދުމަށްޓަކައި ބޭނުންވި އޯޕަނިންގ ފައިނޭންޝަލް ސްޓޭޓްމަންޓް ހައްދަވައިދެއްވައިފައި ވެއެވެ.