އަލްފާޟިލް މުޙައްމަދުފުޅު
މޫނިމާގެ ތ. ވޭމަންޑޫ

މުޙައްމަދުފުޅު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 11 އޮކްޓޫބަރު 1979 ގައެވެ. އޭގެކުރިން ތ.އަތޮޅުއޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރެއްގެ ގޮތުގައި ދެ އަހަރެއްހާ ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ. ކޮޅުމަޑުލު އަތޮޅުއޮފީހުގައި، ސަޕޯޓް ސަރވިސްއިން ފެށިގެން މެނެޖީރިއަލް ސަރވިސްގެ ރޭންކްތަކުގައި މުޙައްމަދުފުޅުވަނީ ޚިދުމަތް ކުރައްވައިފައެވެ. މިގޮތުން، ތ.އަތޮޅުއޮފީހުގެ 2 ނަންބަރު ކާތިބުކަމާއި، ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރުކަމާއި، ތ. އަތޮޅުއޮފީހުގެ ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީކަން ކުރައްވައިފައި ވެއެވެ. އަދި، އަތޮޅުވެރިޔާގެ އެހީތެރިޔާކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

އަތޮޅުވެރިޔާގެ އެހީތެރިކަމުގެ މަގާމުގައި މުޙައްމަދުފުޅު ހުންނެވި ދުވަސްވަރު، އަތޮޅު އޮފީސްވެސް އެކިފަހަރުމަތިން ހިންގަވައިފައި ވެއެވެ. މިގޮތުން އަތޮޅުއޮފީސް ހިންގެވިއިރު، އަތޮޅުގެ އެންމެހައި ކަންކަން ވަރަށް ގާތުން ބައްލަވައި، އަތޮޅުގެ ތަރައްޤީއަށް މަސައްކަތް ކުރައްވައިފައި ވެއެވެ. 2011ވަނަ އަހަރު ކައުންސިލް އިދާރާތަކަށް އޮފީސްތަކުގެ ނަން ބަދަލުވިފަހުން ޒިންމާދާރު ވެރިޔާގެ ހައިސިއްޔަތުން ކައުންސިލް އިދާރާގެ އިދާރީ ހިންގުމާ އެކިފަހަރުމަތިން ހަވާލުވެވަޑައިގެންފައި ވެއެވެ.

"ވޭމަންޑޫ ޒުވާނުންގެ ގުޅުން" މި ނަމުގައި 1991 ވަނަ އަހަރު ރަޖިސްޓަރީ ކުރެއްވި ޖަމުޢިއްޔާ ހިންގުމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި، ޖަމުޢިއްޔާގެ ކުރިއެރުމަށާއި ތަރައްޤީއަށް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ގިނަ މަސައްކަތްތަކެއް މުޙައްމަދުފުޅު ވަނީ ކޮށްދެއްވައިފައެވެ. މުޙައްމަދުފުޅަކީ، އެ ޖަމުޢިއްޔާގެ މުއައްސިސުންގެ ތެރެއިން މެންބަރެކެވެ.