އަލްފާޟިލް ޙަސަން ފަޚްރީ
ވ. ލަކީ އޮފަރ

ޙަސަން ފަޚްރީ ކަސްޓަމްސްއަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 39 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ، ކަސްޓަމްސްގެ ޕޯޓް އެގްޒަމިނޭޝަންސް ސެކްޝަންގައެވެ. މުދާ ޗެކް ކުރައްވައި ދޫކުރެއްވުމާއި، މުދާ ބޭލުމަށް ބޯޓުފަހަރުގައި ރާއްޖޭގެ ރަށްރަށަށް ދަތުރުކުރެއްވިއެވެ. މިފަދަ ދަތުރުތަކުގައި ވިއްސާރަވުމާއި، ކަނޑުގަދަވުމުގެ ސަބަބުން ބައެއްފަހަރު ދަތުރު ވަރަށްދިގުވެގެންވެސްދެއެވެ.

ޕޯޓް އެގްޒަމިނޭޝަންސް ސެކްޝަންގައި ފުރަތަމަ ފަހަރު 9 އަހަރު ވަންދެން، ޙަސަން ފަޚްރީ މަސައްކަތް ކުރެއްވިއެވެ. އޭގެފަހުން 2002 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމަޔަށްވެސް 6 އަހަރު ދުވަހު އެ މަސައްކަތް ކުރައްވައިފައި ވެއެވެ. ސްކޫލްތަކުން މަސައްކަތުގެ ތަޖުރިބާ ހޯދަން އަންނަ ދަރިވަރުންނަށް، މަސައްކަތް ހިނގާ ގޮތާއި، އެކިއެކި މަސައްކަތްތައް ކުރާގޮތް އޮޅުންފިލުއްވައިދެއްވިއެވެ. ޕޯޓް އެގްޒަމިނޭޝަންސްގެ މަސައްކަތުގެ ތެރެއިން ގަވާއިދާ ޚިލާފު ކަންތައްތައް ފާހަގަކުރެވިގެން ރިޕޯޓް ކުރައްވާފައިވާކަން އެއީ، ޙަސަން ފަޚްރީއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ.

އޭގެފަހުން ޙަސަން ފަޚްރީ މަސައްކަތް ކުރެއްވީ، ކްރޫ އެންޑް ބެގެޖްގައެވެ. އެތާނގައި މަސައްކަތް ކުރެއްވިއިރު، ބޯޓުފަހަރުގެ ފަޅުވެރިން ގެންނަ މުދާ ދޫކުރެއްވުމުގެ މަސައްކަތް ފަސޭހަކުރުމަށްޓަކައި އެކިއެކި އިންތިޒާމުތައް ހަމަޖައްސަވައިދެއްވިއެވެ. މީގެއިތުރުން، ކަސްޓަމްސްގެ ތަފާތު ސެކްޝަންތަކުގައި ގިނަ މަސައްކަތެއް ވަނީ ކުރައްވައިފައެވެ. 1 މާރިޗު 2020 އިން ފެށިގެން ޙަސަން ފަޚްރީ މަސައްކަތް ކުރައްވަމުން ގެންދަވަނީ، ލ. ގަމުގައި ހުންނަ ކަސްޓަމްސް އޮފީހުގައެވެ.

ޙަސަން ފަޚްރީއަކީ، ކަސްޓަމްސްގެ ވަޒީފާއަށް ވެދެވަޑައިގަތީއްސުރެ މިއަދާ ހަމަޔަށް ވަރަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ކަސްޓަމްސްގެ ގަވާއިދުތަކާ އެއްގޮތަށް މުދާ ދޫކުރުމުގެ ކަންކަން ރަނގަޅަށްކޮށްދެއްވައި، އަދި އެ މަސައްކަތް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

ޙަސަން ފަޚްރީ، ސަރުކާރުގެ ޚިދުމަތް ފުރަތަމަ ފެށްޓެވީ، 1979 ވަނަ އަހަރު އެއަރޕޯޓުގެ ވަޒީފާއިންނެވެ. ކަސްޓަމްސްއަށް ބަދަލުވެވަޑައިގަތީ، 1982 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.