އަލްފާޟިލް މުޙައްމަދު ނަޢީމް
ނަލަހިޔާ ކ. ހިންމަފުށި

މުޙައްމަދު ނަޢީމަކީ، ހިންމަފުށީގެ ކަތީބުކަމުގެ މަގާމު އަދާކުރައްވައިފައިވާ އަދި ރަށުގެ ރައްޔިތުންގެ ކުރިއެރުމަށާއި ލާބަޔަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ކަތީބު ކަމުގައި ހުންނެވި ދުވަސްވަރު، ރަށުގެ ބަނދަރު ހެދުމާއި، ރަށުގައި ހިންގި ގިނަ މަސައްކަތްތައް ހިންގެވުމުގައި އިސްކޮށް ހުންނެވީ މުޙައްމަދު ނަޢީމެވެ.

މުޙައްމަދު ނަޢީމަކީ، ރަށްކުރިއަރުވާ ކޮމިޓީގެ ސެކްރެޓަރީ ކަމާއި، ރަށްކުރިއަރުވާ ކޮމިޓީގެ ނާއިބު ރައީސްކަމާއި، ރައީސްކަން ކުރައްވައިފައިވާ ބޭފުޅެކެވެ. މީގެއިތުރުން، އަތޮޅު ކޮމިޓީގެ މެންބަރުކަންވެސް ކުރައްވައިފައި ވެއެވެ. އަދި ރަށުގައި ކަރަންޓުގެ ޚިދުމަތް ޤާއިމުކޮށްދެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. މިގޮތުން، ރައްޔިތުންގެ އިންޖީނުގެ ބިނާކުރެއްވުމުގެ މަސައްކަތުގައި އިސްކޮށް ހުންނަވައި، 10 އަހަރު ވަންދެން، އިންޖީނުގެ ހިނގަމުން ގެންދިޔައީ މުޙައްމަދު ނަޢީމްގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.

ވަޒީފާއިން ރިޓަޔަރ ކުރެއްވުމުގެ ކުރިން ހިންމަފުށީ ކައުންސިލް އިދާރާގެ ފައިސާއާބެހޭ އެންމެހައި ކަންކަން ބެލެހެއްޓެވުމުގައިވެސް އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ މުޙައްމަދު ނަޢީމެވެ. ކައުންސިލް އިދާރާގެ ފައިސާއާބެހޭ ކަންތައްތައްވެސް މުޙައްމަދު ނަޢީމް ބަލަހައްޓަވައިދެއްވީ، ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަމާ އެކުގައެވެ.

މުޙައްމަދު ނަޢީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 އެޕްރީލް 1979 ގައި ހިންމަފުށީ އޮފީހުގެ ކާތިބެއްގެ ވަޒީފާއިންނެވެ. އޭގެފަހުން ހިންމަފުށީ ކަތީބު ކަމާއި، ހިންމަފުށީ އޮފީހުގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓެރީކަން ކުރައްވައިފައިވެއެވެ. އަދި، އޭގެފަހުން އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެސިސްޓެންޓް ފައިނޭންސް އޮފިސަރުކަންވެސް ކުރެއްވިއެވެ.
41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު 1 މާރިޗު 2021 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މާލެއަތޮޅު ހިންމަފުށީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.