އަލްފާޟިލާ ނަސީމާ އަޙްމަދު
ހ. ނިވައި

ނަސީމާ އަޙްމަދު، ދިވެހިބަހުގެ އެކެޑަމީއާއި، ދިވެހިބަހާއި ތާރީޚާ ބެހޭގޮތުން އުފެއްދެވި މަޖިލިސްތަކާއި މަރުކަޒުތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 42 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. 28 މާރިޗު 1979 ގައި ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން އޭރު ހިނގަމުންދިޔަ ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުގެ ކާތިބާއެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީ ކަމާއި، އެސިސްޓެންޓް ޓު ދަ ޑިރެކްޓަރު ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.

ނަސީމާ އަޙްމަދު، މި ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ވަނީ ވަރަށްގިނަ މަސައްކަތްތައް ކޮށްދެއްވައިފައެވެ. މިގޮތުން، ކޮށްދެއްވައިފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ ޖަލްސާތަކުގެ ރިޕޯޓް ހެއްދެވުމާއި، ޖަލްސާތަކުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުން ހިމެނެއެވެ. އަދި ބަސްފޮތް އެކުލަވައިލުމަށްޓަކައި ބަސްފޮތަށް ބަސް އެއްކުރުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތަކާއި، ޤައުމީ މަރުކަޒަށް ލަފާދޭ މަޖިލީހުގެ އެންމެހައި ކަންތައް ބެލެހެއްޓެވުމާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ދަށުން ހިންގަވަމުން ގެންދެވި ދިވެހި ނާދީގެ އިދާރީ މަސައްކަތްތައް ކުރެއްވުމާއި، އަތޮޅުތަކުގެ ދިވެހި ނާދީގެ ގޮފިތަކުގެ ކަންތައް ބެލެހެއްޓެވުން ހިމެނެއެވެ.

ދިވެހިބަހަށް އިސްކަންދިނުމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނުގެ ދަށުން "ދިވެހިބަހުގެ އެކެޑަމީ" އުފެއްދެވި ހިސާބުން ފެށިގެން އެ އެކެޑަމީގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން، އެކެޑަމީގެ ކަންކަން ހިންގައި ބެލެހެއްޓެވީ ނަސީމާ އަޙްމަދެވެ. އަދި އެކެޑަމީގެ 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލެއްވުމުގައްޔާއި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އުފެއްދެވުމާ ގުޅިގެން، ކުރިން އެކުލަވައިލައިފައިވާ ސްޓްރެޓީޖިކް ޕްލޭނަށް ގެންނަންޖެހުނު ބަދަލުތައް ގެންނެވުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ދިވެހިބަހުގެ އެކެޑަމީން ބާއްވަވާ އެކިއެކި މުބާރާތްތަކުގައްޔާއި، ހިންގަވާ އެކި ކޯސްތަކުގައްޔާއި، ފާހަގަކުރައްވާ އެކިއެކި އަދަބީ ދުވަސްތަކާ ގުޅިގެން ކުރައްވަންޖެހޭ ކަންކަން ޢަމަލީގޮތުން ކުރެއްވުމަށްޓަކައި ޓެކްނޯލޮޖީއާ ރައްޓެހި މާޙައުލެއް ޤާއިމުކުރެއްވުމުގައިވެސް ނަސީމާ އަޙްމަދުގެ ހިއްސާ ވަރަށްބޮޑެވެ.