ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ
ފުނާޑު. ސޫރަޖުވިލާ ޏ.ފުވައްމުލައް

ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ، ސިފައިންގެ ވަޒީފާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1981 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. މި ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި، މުޙައްމަދު ޢަލީ ވަނީ ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ސިފައިންގެޔަށް ކޮށްދެއްވައިފައެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިގައި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ވަރަށް ހިތްވަރާއެކު މުޙައްމަދު ޢަލީ ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލަން ޖެހެއެވެ. އަދި އޭގެފަހުން، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން ކުރެއްވި އެންމެހައި މަސައްކަތްތަކުގައްޔާއި، 2011 ވަނަ އަހަރު އައްޑޫސިޓީގައި ސާރކް ސަމިޓް ބޭއްވުމަށްޓަކައި ސަރުކާރުން ކުރެއްވި މަސައްކަތްތަކުގައިވެސް މުޙައްމަދު ޢަލީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، އެމް.އެން.ޑީ.އެފް. އިން ހިންގާފައިވާ މުހިންމު ގިނަ ކަންކަމުގައިވެސް މުޙައްމަދު ޢަލީ ބައިވެރިވެވަޑައިގެންފައިވެއެވެ.

ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ، އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ލިބިވަޑައިގެންފައިވާ ޝަރަފުގެ މެޑެލްތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާ، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓުގެ މެޑެއްޔާއި، މިނިވަން 50 ގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަޔާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ، 3 ފަހަރު ލިބިވަޑައިގެންފައިވެއެވެ.