އަލްފާޟިލް މުޙައްމަދު އާދަމް
މއ. މާނިކަ

އަލްފާޟިލް މުޙައްމަދު އާދަމަކީ 11 އެޕްރީލް 1977 ން ފެށިގެން 17 ޖޫން 2021 އާ ދެމެދު ސަރުކާރުގެ ޚިދުމަތުގައި 44 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާ ވަރަށް ހީވާގި ބޭފުޅެކެވެ. ސަދަން ގްރޫޕް އޮފީހުގެ 1 ނަންބަރު ކާތިބުކަމުން ޚިދުމަތް ފެށްޓެވުމަށްފަހު، ސަދަން ރީޖަނަލް އޮފީހުގެ އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ފައިސާ ބަލަހައްޓާ ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީ ކަމުގެ މަގާމު 1982 ވަނަ އަހަރާ ހަމައަށް އަދާކުރެއްވިއެވެ.

މުޙައްމަދު އާދަމް، ސަރުކާރުގެ ޚިދުމަތުގައި މި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އެންމެ ގިނައިން ކުރައްވައިފައިވަނީ މުދަލާއި ފައިސާއާބެހޭ ކަންކަން ބެލެހެއްޓެވުމުގެ މަސައްކަތެވެ. މީގެ އިތުރުން، އަތޮޅުއޮފީސްތަކާއި ރަށްރަށުގެ އޮފީސްތަކުގެ މުވައްޒަފުންނަށް، ފައިސާ ގެންގުޅުމާއި، ފައިސާ ބެލެހެއްޓުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަމާއި، މާލީ ރެކޯޑު ބަލަހައްޓާނެ ގޮތްތަކާ ގުޅޭގޮތުން އަތޮޅުތަކަށް ވަޑައިގެން ޢަމަލީގޮތުން އެ މަސައްކަތްތައް މުވައްޒަފުންނަށް ދަސްކޮށްދެއްވައިފައި ވެއެވެ.

ރާއްޖެތެރޭގެ ތަރައްޤީއަށް ސަރުކާރުން އޭރު ހިންގެވި އެކިއެކި މަޝްރޫޢުތައް ހިންގެވުމުގައިވެސް މުޙައްމަދު އާދަމް، މުހިއްމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި ރާއްޖޭގެ އަތޮޅުތަކާއި، ރަށްރަށުގެ އޮފީސްތަކުގެ މާލީ މަސައްކަތްތަކާއި، ރީޖަނަލް އޮފީސްތައް ހިންގެވުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.

މުޙައްމަދު އާދަމަކީ، އަރިއަތޮޅު އަތޮޅުވެރިކަމާއި، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުވެރިކަމާއި، ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅުވެރިކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި މާލެއަތޮޅު އަތޮޅުވެރިކަން ދެފަހަރު ކުރައްވައިފައިވެއެވެ. އަތޮޅުވެރިކަމުގައި ހުންނަވައިގެން އެ އަތޮޅުތަކުގެ ތަރައްޤީއަށާއި ކުރިއެރުމަށް މުޙައްމަދު އާދަމް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީ ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ. މާގިނަ ވަސީލަތްތަކެއް ނެތް ދުވަސްވަރެއްގައި ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާއެކުގައިވެސް ތަރައްޤީގެ މަސައްކަތްތައް ކުރައްވަމުން ގެންދަވައިފައިވަނީ ވަރަށް ހަލުވިކަމާއެކުގައެވެ.

މުޙައްމަދު އާދަމަކީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އިސް މަގާމުތަކެއްވެސް ފުރުއްވި ބޭފުޅެކެވެ. އެގޮތުން އެ މިނިސްޓްރީގެ ވަކީލުކަމުގެ މަގާމާއި، ސީނިއަރ އަންޑަރ ސެކްރެޓެރީ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އެ މިނިސްޓްރީގެ މުދަލާއި ފައިސާއާބެހޭ ބައިގެ މަސައްކަތްތަކާއި، ރާއްޖޭގެ އަތޮޅުތަކުގެ ބިންބިމާބެހޭ ބައިގެ މަސައްކަތްތަކާއި، ލީގަލްގެ މަސައްކަތްތަކާއި، އެޑްމިނިސްޓްރޭޝަން އަދި މުވައްޒަފުންނާ ބެހޭބައިގެ މަސައްކަތްތައް ބެލެހެއްޓެވުން ހިމެނެއެވެ. އެއަށްފަހު 2008 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ވެރިކަން ބަދަލުވުމާ ގުޅިގެން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އުވައިލައްވައި، އެ މިނިސްޓްރީގެ ބައެއް މަސައްކަތްތައް މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ ތާރީޚުން ފެށިގެން މުޙައްމަދު އާދަމް ޚިދުމަތް ކުރައްވަމުން ގެންދެވީ، ހޯމް މިނިސްޓްރީގައެވެ. އެ މިނިސްޓްރީގެ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުގެ ވެރިޔާގެ ހައިސިއްޔަތުން އެ ޑިޕާޓްމަންޓުގެ އެންމެހައި ކަންކަން ބެލެހެއްޓެވިއެވެ.

ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، ޢުމުރުފުޅުން 65 އަހަރުވުމާ ގުޅިގެން، ސަރުކާރުގެ ވަޒީފާއިން މުޙައްމަދު އާދަމް ވަކިވެވަޑައިގަތީ 17 ޖޫން 2021 ގައެވެ.